މިއަހަރަށްވުރެ އަންނަ އަހަރުގެ ރިކަރަންޓް ޚަރަދު ބޮޑުވާނެކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުން ހާމަވެއްޖެއެވެ.
2018 ވަނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރިކަރަންޓް ޚަރަދުވަނީ އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ ޚަރަދުވާނޭކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ މިއަހަރަށްވުރެ 4.9 އިންސައްތަ އިތުރު ޢަދަދެކެވެ.
ދައުލަތުގެ ރިކަރަންޓް ޚަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދާއިރު މީގެ މައިގަނޑު ސަބަބަކީ ތަރައްޤީގެ މަޝްރޫޢުތައް އިތުރުވުމާއި އެކި މުއައްސަސާތަކުގެ މުސާރާއިގެ އޮނިގަނޑަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުންނެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައަޅުއްވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު ވިދާޅުވީ ދައުލަތުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައިކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ހަމައެކަނި މުސާރައާއި ޕެންޝަނުގެ ގޮތުގައި ސާޅީސް އެކެއް ޕޮއިންޓް ތިނެއް ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަޑު: "ޕޭ ކޮމިޝަނުން މިހާތަނަށްކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރާއިގެ ބޮޑެތި ފަރަގުތަކެއް އެބަހުރި. ވީމާ ޖުމްލަކޮށް މުވައްޒަފުންނަށް ކުރާ ޚަރަދުތައް ދެމެހެއްޓެނިވި އޮނިގަނޑަކަށް ބަދަލުކުރަންޖެހޭ."
މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ކުރެވޭ ހޭދަ ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ގެންދިޔުމަށް 2016 ވަނަ އަހަރު އެކުލަވާލާފައިވާ ދައުލަތުގެ ޕޭ ކޮމިޝަނުން ކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބޭރުން ވަކިވަކި ޤާނޫނުތަކުގެ ތެރެއިން ޕެންޝަން ދެމުންގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ޕެންޝަންގެ ގޮތުގައި ފައިސާ ރައްކާ ނުކުރާނަމަ މިކަމުގެ އަސަރު ކުރިމަގުގައި ކުރާނެކަން ބަޔާންކޮށް މިކަމަށް އަވަސް ފިޔަވަޅުތަކެއް ދައުލަތުގެ ފަރާތުން އެޅުމަށް ވަނީ ލަފާދީފައެވެ.