މުސްތަޤުބަލަށް ބޭނުންވާ ފުޓުބޯޅަ ކުޅުންތެރިން ބިނާ ކުރުމުގެ މަޤުޞަދުގައި ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށްގެންދާ "ގްރާސްރޫޓްސް ކޮމްޕެޓިޝަން 2018" އައްޑޫ ސިޓީގައި ފަށައިފިއެވެ.
ބާރަ އަހަރުން ދަށުގެ ކުދިންނަށް ޢަމާޒުކޮށް "ޓުވާރޑްސް ފިއުޗަރގެ" ޝިޢާރުގެ ދަށުން އެފްއޭއެމުން ކުރިޔަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅެނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައެވެ. އެފްއޭމް އައްޑޫ ގޮފިން މައުލޫމާތުދޭ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދަނީ، ލީގު އުސޫލުން އެއްޓީމު އަނެއް ޓީމާއި އެކު ކުޅޭ ގޮތަށެވެ. އަދި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމުން ފައިނަލުގައި ވާދަ ކުރާގޮތަށެވެ.
މިމަހުގެ 9 އިން 10 އަށް ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގައި އައްޑޫސިޓީގެ އަވަށްތަކުން 4 ސްކޫލަކުން ބައިވެރިވެއެވެ. އެއީ ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލާއި، މަރަދޫފޭދޫ ސްކޫލްގެ އިތުރުން ފޭދޫ ސްކޫލެވެ.
އެފްއޭމުން ޢާންމު ކޮށް މި އުމުރުފުރާތަކަށް ޢަމާޒުކޮށްގެން ބާއްވާ ގްރާސްރޫޓް ފެސްޓިވަލުގެ ބަދަލުގައި، ގްރާސްރޫޓް މުބާރާތެއް ބޭއްވުމަށް ނިންމީ މިފަދަ މުބާރާތެއް ބޭއްވުމުން ފުޓުބޯޅަ ކުޅެން ފަރިތަވެ، ފުޓްބޯޅައަށް ޝައުގުވެރިވާ ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ބޭނުމުގައިކަމަށް އެފްއޭއެމުން ބުނެއެވެ.
އެފްއޭއެމް ގެ ޢަމާޒަކީ މާލެއާއި އައްޑޫ ސިޓީގެ އިތުރަށް ކުރިޔަށް އޮތް ތާނގައި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ވެސް އެފްއޭއެމްގެ އޮފީސްތައް ހުޅުވައި، މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން މިފަދަ މުބާރާތްތައް ބޭއްވުން ކަމަށް އެފްއޭއެމުން ބުނެއެވެ. އެފްއޭމް އައްޑޫ ގޮފި އިފްތިތާޙުކުރީ 2000 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން އެފްއޭއެމުންވަނީ އައްޑޫ ސިޓީގައި ވައިޑީޕީ ޕޮރޮގްރާމުތަކުގެ އިތުރުން އިންޓަރ ސްކޫލު މުބާރާތްތަށް އިންތިޒާމު ކޮށް ބާއްވަމުންނެވެ.