ޚަބަރު

ކުރީގެ ޑިފެންސް މިނިސްޓަރ ޠަލްހަތުވެސް ދޫކޮށްލައިފި


ޓެރަރިޒަމްގެ ކުށުގައި 10 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދިޔަ ކުރީގެ ޑިފެންސް މިނިސްޓަރު ޠަލްހަތު އިބްރާހިމް ކަލޭފާނު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލުމަށް ވަގުތީ އަމުރެއް ނެރެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރ ޠަލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިންވާފައިވާ ޖަލުޙުކުމް އަލުން ރިވިއުކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައި، މިމައްސަލަ ރިވިއުކޮށް ނިމެންދެން އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޛްކުރުން ވަގުތީގޮތުން ފަސްކޮށްދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓްގެ ވަގުތީ އަމުރުގައި މިމައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޠަލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޛްކުރުން ފަސްކުރުމަށާއި، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމާ ގުޅިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަމުރުކޮށްފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ ކްރިމިނަލް ކޯޓްގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ޙައްޔަރުކުރި މައްސަލައިގައެވެ. މިމައްސަލައާގުޅިގެން ޖަލު ޙުކުމް އިއްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ސުޕްރީމް ކޯޓްގެ ވަގުތީ އަމުރަކުން ވަނީ މިނިވަންކޮށްފައެވެ.