ވިޔަފާރި

ހއ. އިހަވަންދޫގައި ދިރާގުގެ ފައިބަރ އޮޕްޓިކްގެ ޚިދުމަތްދޭން ތައްޔާރުވަނީ


ހއ.އިހަވަންދޫގައި ހައިސްޕީޑް އިންޓަރނެޓުގެ ޙިދުމަތާއި ދިރާގު ޓީވީގެ ޙިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިބަރ އޮޕްޓިކް ކޭބަލް ވަޅުލުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެގޮތުން އިހަވަންދޫގެ މަގުތަކުގައި ކޭބަލް ވަޅުލުމުގެ މަސައްކަތް ދިރާގުގެ ފަންނީ ޓީމުތަކުން މިހާރު ދަނީ ކުރަމުންނެވެ. ކޭބަލް ވަޅުލުމުގެ މަސައްކަތް އަމަލީގޮތުން ފެށުމަށްޓަކައި، ދިރާގުންވަނީ އިއްޔެގެ ވަގުތެއްގައި އިހަވަންދޫގެ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މަގު ކޮނުމުގެތެރޭގައި މިހާރު އިހަވަންދޫގައި ޤާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމާއި ކަރަންޓު ކޭބަލްތަކަށް އެއްވެސް ގެއްލުމެއްނުވާނެ ފަދަ ގޮތަކަށް އެ މަސައްކަތް ކުރުމަށްކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

ދިރާގުން ވަނީ މި ޙިދުމަތް ހއ.ދިއްދޫގައިވެސް ކާމިޔާބުކަމާއެކު ދޭންފަށާފައެވެ.