ޚަބަރު

ފިނޭންސް މިނިސްޓްރީގެ ޚިދުމަތްތައް އަވަސްކުރުމަށް ތިން ޕޯޓަލްއެއް ތަޢާރަފްކޮށްފި


ފިނޭންސް މިނިސްޓްރީގެ ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް 3 ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ތަޢާރަފްކުރި 3 ޕޯޓަލްއަކީ އެގޮތުން ތަޢާރަފްކޮށްފައިވަނީ ބީލަން ކިޔުމާއި ނީލަމުގެ ކަންކަމާ ގުޅޭ ދެ ޕޯޓަލްއަކާ ކުރިން ތަޢާރަފްކޮށްފައިވާ ބަނޑޭރި ޕޯޓަލްގެ އިތުރަށް ތަރައްްޤީކުރުމަށްފަހު ތަޢާރަފްކުރި ޕޯޓަލްއެކެވެ.

އަލަށް ތަޢާރަފްކުރި ބީލަން ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އިޢުލާންކުރާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި، ޕްރޮޖެކްޓަށް ޕްރޮޕޯސަލް ހުށައެޅުމާއި، އަދި ލިޔެކިޔުމުން ކުރަންޖެހޭ މުޢާމަލާތްތައް ފަސޭހަކަމާއިއެކު ކުރިއަށްގެންދެވޭނެއެވެ.

ނީލަން ޕޯޓަލްއަކީ ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ނީލަން ކިޔާ މުދަލުގެ މަޢުލޫމާތާއި، ނީލަމުގައި ބައިވެރިވުމުގެ ކަންކަމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތަށް ތަޢާރަފްކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ޢާއްމު ފަރާތްތަކަށްވެސް ނީލަމުގައި ބައިވެރިވެ މުދާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ބަނޑޭރި ޕޯޓަލް އިތުރަށް ފުރިހަމަކޮށްފައިވާއިރު، މިއަހަރުގެ ބަޖެޓުގައި ހިމަނާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު މިޕޯޓަލްއިން ފެންނާނެއެވެ. މި ޕޯޓަލްއަކީ ސަރުކާރުގެ އެއް މުޢައްސަސާއިން އަނެއް މުޢައްސަސާއަށް ލިޔެކިޔުންތައް ފޮނުވުމަށް ބޭނުންކުރާ ޕޯޓަލްއެކެވެ. މި ޕޯޓަލްއިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ މަޢުލުމާތު ފޮޓޯއާއެކު ބެލޭނެގޮތް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕޯޓަލްތައް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕޯޓަލްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އައްސަދުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ މިފަދަ ޕޯޓަލްތަކުގެ އެންމެ ބޮޑު ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި، ސަރުކާރުގެ މުޢައްސަސާތަކުން ކުރަމުންދާ މަސައްކަތައް ފެންނާނެގޮތަށް ޢާއްމުކުރުންކަމަށެވެ. އަދި މިފަދަ ޕޯޓަލްތަކުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ފަސޭޙަވާނޭކަމަށްވެސް ފިނޭންސް މިިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ތަޢާރަފްކުރި ޕޯޓަލްތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު ޕޯޓަލްތައް ރަސްމީކޮށް ބޭނުންކުރަން ފަށާނީ އަންނަމަހުކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.