ޚަބަރު

މިއަހަރުގެ މިހާތަނަށް 600 އެއްހާ މައްސަލަ ހުށަހެޅި - އޭސީސީ


މިއަހަރުގެ މިހާތަނަށް ކޮރަޕްޝަންގެ 600 އެއްހާ މައްސަލަ ހުށަހަޅާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހާމަކޮށްފިއެވެ.

އޭސީސީން އާންމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހުންފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 135 މައްސަލަ އޭސީސީއަށް ހުށަހަޅާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު 32 މައްސަލަ މަދު އަދަދެއްކަމަށް އޭސީސީން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ގިނައީ ޕްރޮކިއުމެންޓާ ގުޅުން ހުރި މައްސަލަތައް ކަމަށައި، ކުށުގެ މައްސަލަތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ ނާޖާއިޒު ފައިދާ ލިބިގަތުމާ ގުޅޭ މައްސަލަތައްކަމަށް އޭސީސީން ބުނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާތަނަށް ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި 539 މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އެގޮތުން 3 ވަނަ ކުއާޓާގައި އޭސީސީ އަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ޖުމްލަ 142 މައްސަލަ ބަލައި ނިމިފައިވާކަމަށް އޭސީސީ އިން ބުނެއެވެ.