ޚަބަރު

ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭތީ މާލޭގެ ބައެއް ރެސްޓޯރެންޓުތަކާއި ކެފޭތައް ބަންދު ކޮށްފި


ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭތީ މާލޭގެ ބައެއް ރެސްޓޯރެންޓުތަކާއި ކެފޭ ތައް ބަންދު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަންދު ކޮށްފައި ވަނީ ބެލުމަށްފަހު "ކާބޯތަކެތީގެ ޙިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު"ގައި ބަޔާންކުރާ ޤަވައިދާ ޚިލާފުވެފައި ވާ ތަންތަން ކަމަށާ، މި ޤަވައިދާ ޚިލާފުވުމުގެ ސަބަބުން ބަންދުކުރި ތަންތަނުގެ ތެރޭގައި ޢާއްމުންގެ ތެރޭގައި މަޤްބޫޅު ސީގަލް ކެފޭ ހައުސް ވެސް ހިމެނޭކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ޤަވައިދަށް ބެލުމަށް ފަހު ޤަވައިދަށް ނުފެތޭ ކަންކަން ފާހަގަ ކުރެވޭ ތަންތަން ޢާންމު އުޞޫލުގެ ދަށުން ބަންދު ކުރެވޭނެ ކަމަށާ، ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ސާފުތާހިރުކަން ގެއްލުމަކީ އެތައް ބަޔަކަށް އޭގެ ސަބަބުން ނުރައްކާ ވެދާނޭ ކަމެއް ކަމުގައި އެޗްޕީއޭއިން ދެކޭކަމަށެވެ.

އެޗްޕީއޭ އިން ދަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި، ޤަވައިދުތަކާ ޚިލާފަށް މިފަދަ ޚިދުމަތްދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންނެވެ. އަދި އެޗްޕީއޭއިން އަންގާ ގޮތައް ކަންކަން ތަންފީޒު ކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވުމުގެ ހުއްދަވެސް އަލުން ދެއެވެ.