ޚަބަރު

ނަޞްރުގެ ދުވަހުގެ ރަސްމީ ޙަރަކާތްތައް ފަށައިފި


ނަޞްރުގެ ދުވަހާއި ގުޅިގެން ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް އެމްއެންޑީއެފުން ބާއްވައިފިއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހުގެ ޙަރަކާތްތައް ފެށީ ސިފައިން ޖަމާޢަތުގައި ކުރި ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރި ފަތިސްނަމާދުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރާއި، ސިފައިންގެ އިސްވެރިންނާއި އަދި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ. ފަތިސްނަމާދަށްފަހު ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ.

މީގެއިތުރުން މިއަދު ހެނދުނު 6 ޖެހިއިރު އެމްއެންޑީއެފުން ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް ކިޔާފައިވެއެވެ. ނަޞްރުގެ ދުވަހާއި ގުޅިގެން އެންއެމްޑީއެފުން ވަނީ ގިނަ ޙަރަކާތްތަކެއް ރާވާފައެވެ.

ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާ މިރޭ 8:30 ގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެންއެންޑީއެފްގެ މިއުޒިކަލް ޑްރިލް މިއަދު ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދުގަ އަދި މިމަހު 05 ވަނަ ދުވަހު ވިލިމާލެ ބަނދަރު ސަރަޙައްދުގައި މިޑްރިލް ޑިސްޕްލޭގެ ޙަރަކާތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ނަޞްރުގެ ދުވަހަކީ މީގެ ތިރީސް އަހަރު ކުރިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު، ދިވެހިންގެ ބަޔަކު، ލަންކާގެ ތަމަޅައިގެން ބަޔަކާއި ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާ ދިން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދު ވެފައެވެ.