ޚަބަރު

ޝައިޚް އިމްރާން ދޫކޮށްލަން އަމުރުކޮށްފި


ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކޮށް އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ ޝައިޚް އިމްރާން ޢަބްދުﷲ ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމުގެ މައްސަލަ އަލުން ބަލައިދިނުމަށްފަހު އެފަދަ އަމުރެއް ނެރެދިނުމަށް އޭނާގެ ފަރާތުން އެދިފައިވާތީއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ޝައިޚް އިމްރާންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި، އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައެވެ.

ޝައިހް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން "މޭޑޭ"ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމަށް މީގެ ކުރިން ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާޢީދުކޮށްފައެވެ.

ޝައިހް އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކޮށް ވަގުތީ ގޮތުން މިނިވަން ކުރެއްވިއިރު، އޭނާ ހުންނެވީ ގޭ ބަންދުގައެވެ.