ޚަބަރު

މާއްޓެ އެކަޑަމީގެ ފުޓްބޯޅަ ފެސްޓިވަލެއް ކުޅުދުއްފުށީގައި ބާއްވަނީ


މަޝްހޫރު ފުޓްބޯޅަ ކޯޗު މަޢުރޫފް އަހުމަދު (މާއްޓޭ) ހދ ކުޅުދުއްފުށީގައި ހިންގަމުން އަންނަ މާއްޓޭ ފުޓްބޯޅަ އެކެޑަމީގެ ފަރާތުން ކުޅުދުއްފުށީގަ ސްޕޯޓްސް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

އެ އެކެޑަމީން މަޢުލޫމާތުދޭގޮތުގައު ފެސްޓިވަލް ބާއްވާނީ މިމަހުގެ 24-26 އަށެވެ. ދެ ޢާއްމުކޮށް ހުޅުވާލައިގެން މި ފެސްޓިވަލް ބާއްވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 6-9 އަހަރާ ދެމެދާއި 10-13 އަހަރުގެ އުމުރުފުރާ އެވެ.

މި ފެސްޓިވަލާ ބެހޭގޮތުން މާއްޓެ އެކެޑަމީގެ މެނޭޖިންގ ޑިރެކްޓަރ މައުރޫފް އަޙްމަދު ވިދާޅުވީ، މައިގަނޑު ބޭނުމަކީ ކުޅިވަރުގެ މާޙައުލުން އެންމެން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ކުދިންނަށް ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

"
"އަޅުގަނޑުމެންގެ އެންމެ ބޮޑު މަޤުޞަދަކީ ކުޅިވަރުގެ މާޙައުލުން އެންމެން ބައްދަލުވެ އުފާވެރި ވަގުތުތަކެއް ހޭދަކުރުން. މި ފެސްޓިވަލުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އަޅުގަނޑުމެން ފުރުޞަތު ދޭނަން. އަޅުގަނޑު ދެކޭގޮތުގައި އެ ކުދިންނަށް ވެސް މި ފަދަ ކުޅިވަރުގެ އުފާ ފާޅުކުރުންތަކުގެ ތެރެއިން މަޖާކޮށްލަން ފުރުޞަތު ދޭންޖެހޭ. ކުޅިވަރަކީ އެންމެނަށް ވެސް ހަމަހަަމަ އެއްޗެއް،"
މައުރޫފް އަޙްމަދު - މާއްޓެ އެކެޑަމީގެ މެނޭޖިންގ ޑިރެކްޓަރ

މާއްޓޭއަކީ ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާރކެޓިން އެންޑް ސްޕޮންސަރޝިޕް އިން މާސްޓަރސް ޙާޞކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ކޯޗެކެވެ.
މާއްޓެ އެކެޑަމީ ކުޅުދުއްފުށީގައި މި އަަހަރުގެ އޭޕްރީލް ފެށީ 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެންނެވެ. ފެށިއިރު 40 ކުދިން ތިބި ނަމަވެސް މާއްޓެ އެކެޑަމީގެ ޢަމާޒަކީ އަންނަ އަހަރު އެ ޢަދަދު އިތުރު ކުރުމެވެ.

ފުޓްބޯޅަ ފެސްޓިވަލަށް ފަހު މި އަހަރަށް އެކެޑަމީގެ ޙަރާކާތްތައް ނިންމާލުމަށް ފަހު ދެން ފަށާނީ ސްކޫލް ބޮޑު ޗުއްޓީ އަށް ފަހު އަންނަ އަހަރު އެވެ. އަދި އަންނަ އަހަރު ކުދިން އެކެޑަމީ އަށް އިތުރުވާއިރު ކޯޗުންގެ ރިފްރެޝަރ ކޯސްތަކެއް ކުރިއަށްގެންދިއުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ފުޓްބޯޅަ ފެސްޓިވަލުގެ ޚާއްޞަ މެހެމާނެއްގެ ގޮތުން މާއްޓޭއާ އެކު ލެގޫންސަށް ކުޅުނު ޑެންމާކުގެ ކިމް ގެންނާނެކަމަށް މާއްޓޭ ބުންޏެވެ. އޭނާ ފެސްޓިވަލުގެ އިތުރުން ކުޅުދުއްފުށީގައި ކުރިއަށްދާ މުބާރާތެއްގައި އެ ރަށު ޓީމަކަށް އިރުޝާދު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުރޫފް އަޙްމަދު ވިދާޅުވިއެވެ.