ޚަބަރު

12 މެންބަރުންގެ ގޮނޑިވެސް ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުގެ ގޮނޑިވެސް ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދުވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲއާއި، ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ މަޖިލީހުގެ މެންބަރުކަމުން ވަކި ނުވާކަމަށް ކަނޑައަޅުއްވާފައެވެ.

މިއާއެކު ޕީޕީއެމުން ވަކިކުރުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ މެމްބަރުކަމުން ވަކި ނުވާކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޙުކުމް ކޮށްފައެވެ.

އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދާއި، ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުގެ ގޮނޑިވެސް ނުގެއްލޭކަމަށް މިމަހުގެ ކުރީކޮޅު ސުޕްރީމް ކޯޓުންވަނީ ޙުކުމްކޮށްފައެވެ.

12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަށް ވަނީ ސާފު އަޣުލަބިއްޔަތު ލިބިފައެވެ.