ޚަބަރު

ރައީސް ނަޝީދުގެ މައްސަލަ ނިމެންދެން ޙުކުމް ތަންފީޛުކުރުން ފަސްކުރުމަށް އަމުރުކޮށްފި


ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށްކުރި ޓެރަރިޒަމްގެ ދައުވާ ސުޕްރީމް ކޯޓުން ރިވިއުކޮށް ނިމެންދެން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ރިވިއުކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޙުކުމް ރިވިއުކޮށް ނިމެންދެން އެމަނިކުފާނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ސުޕްރީމް ކޯޓުން ވަނީ އަންގައި އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ރައީސް ނަޝީދާމެދު ފިޔަވަޅު އަޅައިފިނަމަ އެމަނިކުފާނަށް އިއާދަނުކުރެވޭ ފަދަ ގެއްލުމެއްވުމުގެ ފުރުޞަތު އޮތްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ އިޙްތިޞާސްގެ ދަށުން މިމައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލުޙުކުމާގުޅިގެން އެމަނިކުފާނާމެދު ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި އަމުރުކުރާކަމަށެވެ.

އަންނަމަހުގެ 1 ވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ސުޕްރީމް ކޯޓުގެ މި އަމުރާއެކު އެމަނިކުފާނު ރާއްޖެވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައެވެ.