 
										
			ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކި ނުވާކަމަށް ސުޕްރީމް ކޯޓުން ދެންމެ ޙުކުމް ކޮށްފިއެވެ. 
ޕީޕީއެމުން ވަކި ކުރުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ މުޙައްމަދު މުސްތަފާގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރުގެ ޖުލައި މަހު އޭނާގެ ގޮނޑިއާމެދު ނިންމު ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް ކަނޑައަޅައެވެ. 
މެންބަރުކަމުން ވަކިވިކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން 9 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ވަނީ ކަނޑައަޅާފައެވެ. އަދި ބާކީތިބި 3 މެންބަރުންގެ މައްސަލަވެސް މިއަދު ނިންމުމަށް އެކޯޓްގައި ވަނީ ތާވަލުކޮށްފައެވެ.