ޚަބަރު

ލެޕްޓޮޕްތައް ގެއްލުނު ނަމަވެސް އެއްވެސް އިމްތިހާނަކަށް އަސަރެއް ނުކުރާނެ- އައިޔޫއެމް


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބައެއް އެކަޑެމިކް މުވައްޒަފުން ބޭނުންކުރާ ލެޕްޓޮޕްތަކެއް ގެއްލިއްފައިވީނަމަވެސް ދަރިވަރުންގެ މި ސެމިސްޓަރގެ އިމްތިހާނުތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަރިވަރުންނަށް އިމްތިހާނުތައް ދޭނީ އެއްވެސް ޝައްކެތް ނެތް މިންވަރަށް އިމްތިހާނުތަކާ ގުޅޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ. އަދި އިމްތިހާނުތައް ބާއްވާނީ ދަރިވަރުން އިމްތިހާނު ކުރުމަށާއި ފެންވަރު ވަޒަންކުރުމުގެ ޤަވާއިދުގައިވާ ކަންކަން ޔަޤީން ކުރުމަށްފަހުގައި ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރާއިން ބޭނުންކުރަމުންދާ ލެޕްޓޮޕްތަކެއް ގެއްލުމާގުޅިގެން ބައެއް މީޑިއާތަކުން ވަނީ މި ލެޕްޓޮޕްތަކަކީ މި ސެމިސްޓަރގެ ޓެސްޓް ޕޭޕަރުތައް ހުރި ލެޕްޓޮޕްތަކެއްކަމަށްބުނެ ރިޕޯޓް ކޯށްފައެވެ. އިސްލާމީ ޔުނިވަރސިޓީން ބުނީ މި މައްސަލަ ފުލުހުން ތަހްޤީޤް ކުރަމުންދާއިރު، މިކަމާ ގުޅޭގޮތުން މީޑިއާތަކުން އެކި ޚަބަރުތައް ފަތުރަމުންދާތީ ކަންބޮޑުވާކަމަށެވެ. އެ ޔުނިވަރސިޓީން ވަނީ އެކަން ކުއްވެރިކޮށް، އެފަދަ ޚަބަރުތައް ނުފެތުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.