 
										
			ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ހުކުމް މުރާޖަޢާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. 
އެއޮފީހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަ މުރާޖަޢާކޮށްދިނުމަށް ސްޕްރީމް ކޯޓުގައި އެދުނީ، އެހުކުމާގުޅިގެން ފާހަގަ ކުރެވޭކަންކަން ބަލައި ދިނުމަށް މުހައްމަދު ނަޝީދުގެ މަސްލަހަތުގައި އެކިއެކި ފަރާތްތަކުން އެދެމުންދާތީއާއި، އެ މައްސަލައަކީ ޢާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް މައްސަލައެއް ކަމަށް ފެންނާތީކަމަށެވެ. 
ރައީސް ނަޝީދުގެ މައްސަލަ މުރާޖާކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިވަޑައިގަތްއިރު، މިހާރު ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝީދު ވަނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައެވެ. 
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ ޢަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. 
ކުރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީވެސް ދައުލަތުންނެވެ. އެ ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ނިންމާފައެވެ. އޭގެފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީވެސް ދައުލަތުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެ އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. 
 
މި ޙުކުމާއެކު ޖަލުގައި ހުންނެވި ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އިނގިރޭސިވިލާތުން ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން އެމަނިކުފާނު ދިރިއުޅުއްވަމުންދަނީ ރާއްޖެއިން ބޭރުގައެވެ.