 
										
			މުހިއްމު ގިނަ މަސައްކަތްތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްވަން ނިންމައިފިއެވެ. 
މިޖަލްސާގައި މުހިއްމު މަސައްކަތްތަކެއް ކުރަން ކަނޑައަޅާފައިވާއިރު އޭގެތެރޭގައި އެންމެ ފުރަތަމައަށް އޮތީ ދިވެހި ދައުލަތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާއި މަޖިލީހުން ނިންމާގޮތެއްގެމަތިންކަމަށް ބަޔާންކޮށްފައިވާތީ ރާއްޖެއިން ބައިވެރިވާ ނަގޯޔާ ޕްރޮޓޮކޯލްގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި އެމައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުމުގެ މަސައްކަތެވެ. 
މި ޖަލްސާގައި އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމަށް ބާއްވާ މަޖިލީހުގެ ޚާއްސަ ޖަލްސާ ބާއްވާނެ ތާރީޚަކާގުޅޭގޮތުން ގޮތެއް ނިންމުމަށްވެސް ވަނީ އެޖެންޑަކޮށްފައެވެ. 
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މުހިއްމު ބިލްތަކެއްގެ މައްސަލަ ކުރިއަށް ގެންދިޔުމަށްވަނީ އެޖެންޑާކޮށްފައެވެ. އެގޮތުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭކަމަށް ކަނޑައަޅާފައިވާ އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވައި އެބިލުގެ އިބްތިދާއީ ބަހުސްކުރިއަށް ގެންދިޔުމަށް ވޯޓަށް އެހުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދު ހުށައަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސަށް ހުޅުވާލުމަށް މަޖިލީހަށް ފެނޭތޯ ބެލުމަށް ވޯޓައެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. 
މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސާޅީސް ނުވަ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވައި އެޤަރާރާ ގުޅޭގޮތުން ބަހުސްކުރުމަށްޓަކައި ވޯޓަށްއެހުމަށްވެސްވަނީ ހަމަޖެހިފައެވެ. 
ގިނަ ދުވަސްތަކެއްވަންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވައި އޮތުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙުގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙު ހުށައެޅުމުގެ ބިލަށް ވޯޓައް އެހުންވެސްވަނީ އެޖެންޑާކޮށްފައެވެ. 
މަޖިލީހުގެ ޖަލްސާއެއް ނުބާއްވައި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަދުވަހުއެވެ.