ޚަބަރު

އާ ރައީސް ނޮވެމްބަރ 11 ގައި ހުވާކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައަޅަނީ


މިއަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާ ކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ވޯޓަށް އެހުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވީ، ނޮވެމްބަރ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް ހުވާ ކުރެއްވުމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާކަމެއްގެ ގޮތުގައި ވޯޓަށް އެހުމަށް ނިންމާފައިވާކަމަށެވެ. އަދި އަންނަ އާދީއްތަދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައި ގޮތެއް ކަނޑައެޅިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އާ ރައީސް ހުވައިކުރައްވަންޖެހޭނީ ރާއްޖޭގެ ޖުމްހޫރީ ދުވަސްކަމުގައިވާ ނޮވެމްބަރ 11 ގައިކަމަށް އަމިއްލަ ޙައިޞިއްޔަތުން ޤަބޫލުފުޅުކުރައްވާކަމަށެވެ. ނަމަވެސް މިކަމާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުންކަމަށް ދެކެވަޑައިގަންނަވާކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް 51 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ އިރު، މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ކަންކަން ކުރަންޖެހެނީ ޤާނޫނުގައި ބަޔާންކުރާގޮތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސެވެ. މޫސާ މަނިކު ވިދާޅުވީ މިކަން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ކުރާނެކަމަށެވެ. މިމައްސަލަ ކުރިއަށްގެންދަންވާނީ މުޅި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ބައިވެރިވެވޭ ޖަލްސާއެއްގައިކަމަށް ދެކެވަޑައިގަންނަވާތީ، މެންބަރުކަމާމެދު ސުވާލު އުފެދިފައިވާ 8 މެމްބަރުންގެ މައްސަލައިގައި އަވަހަށް ގޮތެއް ކަނޑައަޅުއްވައިދެއްވުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވާކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވީ ދައުލަތުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާގެ ތެރެއަށް އަތްގަދަ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ރިޔާސީ އިންތިޚާބަށްފަހު މިދިޔަ ދުވަސްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ޖުޑީޝަރީ ވަރަށް މިނިވަންކަމާއެކު މަސައްކަތް ކުރަމުންދާތަން ފެންނަމުންދާކަމަށެވެ.