ޚަބަރު

ޤާސިމަށް މަޖިލިސް ރައީސްކަންދޭން އިދިކޮޅު ޕީޖީ ގްރޫޕުން އެއްބަސްވެއްޖެ


ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންދޭން ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުން އެއްބަސްވެއްޖެއެވެ.

މިއަދު ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މަޤާމުން ވަކިކުރެވުމާއެކު، އެމަޤާމަށް ޤާސިމް އިބްރާހީމް އިންތިޚާބުކުރުމަށް ވަނީ އެއްބަސްވެފައެވެ. ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވީ އިދިކޮޅު ޕީޖީ ގުރޫޕުން މިގޮތަށް ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް 51 މެމްބަރުންގެ ސޮޔާއެކު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަދި މިމައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މަޤާމުން ވަކިކޮށްފިނަމަ، އެމަޤާމަށް ކުރިމަތިލާނެކަމަށް ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުރަޙީމް ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

ޤާނޫނުއަސާސީގެ 85 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިޚާބުކުރާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.