މާލޭގެ ބައެއް ގޭބިސީތަކުން އެއްވެސް ހަމައެއްނެތި މަގުމައްޗަށް ކުނި ޖަމާކުރަމުންދާތީ އެކަން ހުއްޓާލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން ބުނީ މިފަދަ މައްސަލަތައް ފާހަގަކުރެވިފައި ވަނީ ޢާއްމުކޮށް ބިދޭސީން ދިރިއުޅެމުންދާ ސަރަހައްދުތަކުން ކަމަށާއި މިފަދަ މައްސަލަތައް ބަލައި އެކަންކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ކަނޑައެޅިފައިވާ ޢަދަދުތަކުން ޖޫރިމަނާ ކުރާނޭ ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ ކުނިމެނޭޖް ކުރުމަށް ވެމްކޯއިން މިހާރު ކުރަމުންދާ މަސަތްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި ނަމަވެސް އަދިވެސް ބައެއް މައްސަލަތައް ފާހަގަވަމުންދާކަމަށެވެ. އަދި މިފަދަ ކަންކަމުގައި ޢާންމުންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.
ގޭބިސީތަކުގައި އުފެދޭ އެކިބާވަތްތަކުގެ ކުނި ވެމްކޯ އާއި ގުޅިގެން ނައްތާލާނެ ތަފާތު އުސޫލުތައް ހަމަޖެހިފައިވާކަން ފާހަގަކޮށް އެކުންފުނިން ބުނީ މިއުސޫލުތަކަށް ޢަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނެކަމަށެވެ.
ވެމްކޯއިން އަންނަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި މެނޭޖްކުރުމުގެ މަސަތްކަތް ކުރަމުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ވެމްކޯއިން ދަނީ ކުނި ރައްކާތެރި ގޮތުގައި ނައްތާލައި އަދި ރީ-ސައިކަލް ކުރުންފަދަ ތިމާވެއްޓާ ރައްޓެހި ގޮތްތަށް ބޭނުންކޮށްގެން ކުނި މެނޭޖްކުރަމުންނެވެ.