ޚަބަރު

އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް ހިންގި ކްލިނިކަށް 180 މީހުން ދެއްކި - އޭޑީކޭ


އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުުރުވުމަށާއި، އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އޭޑިކޭއިން ހިންގާ ކްލިނިކުން މިހާތަނަށް 180 ފަރާތަކުން ސްކްރީން ކޮށްފައި ވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

މި ކްލިނިކަކީ ބައިނަލް އަޤުވާމީގޮތުން ފާހަގަކުރަމުންދާ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ މަސް، ފާހަގަކުރުމުގެ ގޮތުން ޢާންމުންނަށް އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މައުލޫމާތުދީ ހިލޭ ސްކްރީން ކޮށްދިނުމަށްޓަކައި ޤާއިމުކުރި ކްލިނިކެކެވެ.

އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތުދޭގޮތުގައި ކްލިނިކް ހިންގާފައިވަނީ އޮކްޓޯބަރުމަހުގެ ކޮންމެ ހޮނިހިރުދުވަހެއްގައެވެ. އެގޮތުން ޢާންމުކޮށް ހުޅުވާލައިގެން ތިން ދުވަހު ޚިދުމަތް ދީފައި ވާއިރު، މި މަހުގެ 6 ވަނަ ދުވަހު 42 ފަރާތަކުން 13 ވަނަ ދުވަހު ޖުމްލަ 63 ފަރާތަކުން އަދި އިއްޔެ 73 ފަރާތަކުން އުރަމަތީގެ ކެންސަރަށް ސްކްރީން ކޮށްފައި ވާކަމަށް އޭޑީކޭއިން ބުނެއެވެ.

"ބްރެސްޓް ކެންސަރ ސްކްރީނިންގ އެންޑް އެވެއަރނެސް ކްލިނިކް" އިން މި ތިން ދުވަހު ޖުމްލަ 180 މީހުން މިހާތަނަށް ސްކްރީންކޮށްފައިވާއިރު، މީގެތެރެއިން 84 މީހުންނަށް އިތުރު ތަހުލީލުތައް ކުރުމަށް އިރުޝާދު ދީފައި ކަމަށް އޭޑީކޭއިން ބުނެއެވެ. އަންނަ ހޮނިހިރުދުވަހުވެސް މި ކްލިނިކުން އުރަމަތީ ކެންސަރާގުޅޭ މަޢުލޫމާތުދީ ސްކްރީން ކުރުމުގެ ކަންކަން ކުރިޔަށްގެންދާނެކަމަށް އޭޑިކޭއިން ބުނެއެވެ.

އުރަމަތީގެ ކެންސަރަކީ ކުރިން ދެނެގަނެވިއްޖެނަމަ އެބައްޔަށް ފަރުވާދީ މީހާގެ ފުރާނައަށް ނުރައްކާވާ ހިސާބައް ދިއުމުގެ ކުރިން ރަގަނޅުކުރެވޭ ބައްޔެކެވެ.