ޚަބަރު

އިންތިޚާބު ބާޠިލްކުރަން ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް ފަށައިފި


ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް ފަށައިފިއެވެ.

މި ޝަރީޢަތުގެ މަޖިލިސް ފަށާފައިވަނީ މިއަދު މެންދުރު ފަހު 1:00ގައެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ތިން އަޑުއެހުމެއް ވަނީ ބާއްވާފައެވެ. އެގޮތުން ކުރިއަށް ގެންދިޔަ އެއްމެ ފަހު އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިންގެ ހެކި ބަސް ބަލައިނުގަތުމަށް ނިންމަވާފައެވެ. އެއަށްފަހު މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސުޕްރީމް ކޯޓަށް ހާޒިރުވެ ބަޔާންތަކުގައި ސޮއި ކޮށްފައެވެ.

މި މައްސަލަ ހުށަހެޅި ޕީޕީއެމުން ބުނެފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމަށްފަހު އެ މުއައްސަސާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމުން ބުނެފައި ވަނީ އެޕާޓީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުޙަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ޤާނޫނާ ޚިލާފަށް ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ޤަވާއިދާ ޚިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.