ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާއިގައި ދީފައިވާ ބަޔާންތަކުގައި ސޮއިކޮށްފިއެވެ.
މި މައްސަލާގައި ދީފައިވާ ބަޔާންތަކުގައި ސޮއިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލާގައި ދީފައިވާ ބަޔާންތަކުގައި ހުރިހާ މައްސަލާގައި ވަކާލާތު ކުރެއްވި ހުރިހާ ވަކީލުންވެސް މިހާރު ވަނީ ސޮއިކުރައްވާފައެވެ. ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮތީ އެ މައްސަލާއިގެ ޙުކުމް އިއްވުމެވެ.
މި މައްސަލާގައި އެންމެ ފަހު އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިބަސް ނުނެގުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ 11 ކަމެއް ބަލައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
ފަނޑިޔާރުންގެ ބެންޗުގެ ކިބައިން އެދިފައިވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާސްތައް ބަންދުކޮށްފައި ހުރި ސިޓީ އުރަތައް ޤަވާއިދާއި ޚިލާފަށް ހުޅުވާފައިވޭތޯއާ ޤަވާއިދާއި ޚިލާފަށް އެ ސިޓީ އުރަތައް ބަންދުކޮށްފައިވޭތޯ ބަލައިދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗަރތައް ހަމައަށް ހުރިތޯ ބަލައިދިނުމަށް އެދިފައިވާއިރު އެއްވެސް ކަރުދާހެއްގައި ދެ ފަހަރަށް ފާހަގަ ޖަހާފައިވޭތޯ ބަލައި ދިނުމަށްވެސް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތްޕުޅުން ވަނީ ފަނޑިޔާރުންގެ ބެންޗުގައި އެދިވަޑައިގެންފައެވެ.