ޚަބަރު

އިސްލާމިކް ބޭންކުގެ ޚިދުމަތްތަކާއި ބެހޭގޮތުން ހޭލުންތެރިކުރުވުމަށް އައްޑޫ ސިޓީގައި ޕްރޮގުރާމެއް ހިންގައިފި


އިސްލާމިކް ބޭންކުގެ ޚިދުމަތްތަކާއި ބެހޭގޮތުން ހޭލުންތެރިކުރުވުމަށް އައްޑޫ ސިޓީގައި ޕްރޮގުރާމެއް ހިންގައިފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން މަޢުލޫމާތުދޭގޮތުގައި މިފަހަރުގެ ސެޝަންތައް ޚާއްޞަކޮށްފައިވަނީ އެ ބޭންކުގައި އެކައުންޓު ހުޅުވުމާގުޅޭ ގޮތުންނާއި އެ ބޭންކުން އައްޑޫސިޓިގައި އަލަށްފެށި އަމާނަތަކަފުލް އިންޝުއަރެންސްގެ ޚިދުމަތާ ބެހޭ ގޮތުންނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގައި އެކައުންޓް ހުޅުވުމާއި، ފައިސާ މޯބައިލް އާއި ފައިސާ ކާރޑާ ބެހޭގޮތުން ޢާންމުން ހޭލުންތެރި ކުރުވުމަށްވަނީ އައްޑޫސިޓީ ފޭދޫ ބަނދަރު ޞަރަޙައްދުގައި ރޯޑު ޝޯވ އެއް ބާއްވާފައެވެ. އަދި ހިތަދޫގެ އެކި ޞަރަޙައްދުގައި މަޢުލޫމާތު ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފަައެވެ. މި ރޯޑް ޝޯވގައި ބޭންކު އެކައުންޓު ވަގުތުން ހުޅުވައިދީ، އިންޓަނެޓް ބޭންކިންގެ މަޢުލުމާތު ދިނުމުގެ އިތުރުން ބޭންކުން ދޫކުރާ ފެސިލިޓީސްތަކާގުޅޭ މަޢުލޫމާތު ދިނުންވެސް ކުރިއަށް ގެންދިޔައެވެ. އަދި އަމާނާ ތަކަފުލް އިންޝުއަރެންސާ ބެހޭގޮތުންވެސް މި ރޯޑް ޝޯވގައި މަޢުލޫމާތު ދިނެވެ.

ހޭލުންތެރިކުރުވުމުގެ މި ޕްރޮގުރާމުގެ ތެރެއިން "ދި އިސްލާމިކް ފައިނޭސް އެޑްވޮކޭޓް" ގެ ނަމުގައި ސްކޫލްތަކަށްވެސް ޚާއްޞަ ސެޝަންތަކެއް އިސްލާމިކް ބޭންކުން ކުރިޔަސްގެންދެއެވެ. މި ސެޝަންތަކުގައި ތަކަފުލް އާއި ފައިނޭސިން ތަކަފުލް އާއި އިސްލާމިކް ފައިނޭސް ބެހޭގޮތުން ސްކޫލުތަކާއި ކޮލެޖްތަކުގަ ކުދިންނަށް ދަނީ ކިޔަވާދެމުންނެވެ. އެގޮތުން ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަދި ނޫރާނީ ސްކޫލްގެ މުދައްިރސުންނަށާއި، ހިތަދޫ ސްކޫލްގެ ދަރިވަރުންނަށާއި މުދައްރިސުންނަށާއި، އެމްއެންޔޫގެ އައްޑޫ ކޭމްޕަސްގެ ދަރިވަރުންނަށްވެސް ސެޝަންތަކެއް ނަގައިދީފައިވެއެވެ. މިސެޝަންތަކަށް ސްކޫލްތަކުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. އެގޮތުން އައްޑޫގެ ހުރިހާ ސްކޫލްތަކަށް ތާވަލުކޮށްގެން މި ސެޝަން ނަގައިދޭނެ ކަމަށްވެސް އިސްލާމިކް ބޭންކްގެ ހިތަދޫ ބްރާންޗުން ބުނެއެވެ.

އަމާނަތަކަފުލް އާއި އިސްލާމިކް ބޭންކް ގުޅިގެން "ބަންކު ތަކަފުލް"ގެ ނަމުގައި އަމާނާތަކަފުލްގެ ޚިދުމަތް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކުން މިހާރު ވަނީ ދޭންފަށާފައެވެ. އަމާނަތަކަފުލްގެ ޕޮލިސީސްތަކަށް އެޕްލައިކުރުމާއި އަމާނާތަކަފުލް އިން ދޭ ޚިދުމަތް، ވަގުތުން ސްޓިކާރ ދިނުމާ، ޕާރސަނަލް ތަކަފުލްއާ، ބަންކު ތަކަފުލްއާ، ފަޔަރ ތަކަފުލްއާ، ޓްރެވެލް ތަކަފުލްއާ، އޯލް ރިސްކު ތަކަފުލް އަދި ކާރުތަކުގެ ކޮމްޕްރެހެންސިވް ތަކަފުލް، މިހާރު އައްޑޫ ސިޓީގެ އިސްލާމިކް ބޭންކުގެ ބްރާޗުތަކުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

އަމާނާ ތަކަފުލްއަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް އިންޝުއަރެންސް ކުންފުންޏެކެވެ.