ދުނިޔެ ހޫނުވަމުންދާ މިންވަރު ކޮންޓްރޯލްކުރުމަށް މުޅި ދުނިޔެ ޝާމިލުވާހެން އަވަސް ބަދަލެއް މުޖުތަމަޢަށް ގެންގަން ޖެހޭކަމަށް ތިމާވެއްޓާބެހޭ އ.ދ ގެ ޖަމިއްޔާ އައި.ޕީ.ސީ.ސީން ބުނެފިއެވެ. އައި.ޕީ.ސީ.ސީން ބުނީ ކުރިއަށް އޮތް ބާރަ އަހަރު ތެރޭގައި ދުނިޔެ ހޫނުވަމުންދާ ނިޞްބަތް ކުޑަ ނުކުރެވިއްޖެނަމަ އޭގެ ނުރައްކާ ވަރަށް ބޮޑު ވާނެކަމަށެވެ.
މޫސުމަށް އަންނަމުންދަ ބަދަލުތަކާއި ގުޅިގެންކޮށްފައިވާ ދިރާސާތަކަށް ރިޢާޔަތްކޮށް އ.ދ ގެ ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާއެއްކަމަށްވާ އައި.ޕީ.ސީ.ސީން ނެރުނު މިރިޕޯޓުގައި ބުނެފައިވަނީ ދުނިޔެ ހޫނުވަމުންދާ މިންވަރު އެކެއް ޕޮއިންޓް ފަހެއް ޑިގްރީގައި ހިފަހައްޓާ ނުލެވިއްޖެނަމަ މުޅި އިންސާނިއްޔަތާއި ދުނިޔޭގެ އިކޯސިސްޓަމަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އެގޮތުން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ހަނަފަސްކަން މިހާރު އޮތް މިންވަރާ ނުބައްދަލު މިންވަރަކަށް އިތުރުވެގެންދާނެކަމަށް ލަފާކުރާއިރު އަނެއްބައި ޞަރަޙައްދުތަކުން ފެންބޮޑުވުމުގެ ޙާދިސާތައް އިތުރުވެ ލިބޭ ގެއްލުންތައް އިތުރުވެގެންދާނެކަމަށް މިރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން މީގެ ސީދާ އަސަރު ތިންސަތޭކަ ފަންސާސް މިލިއަނަށްވުރެ ބޮޑު އާބާދީއަކަށް ކުރާނެކަމަށް މިރިޕޯޓުގައިވަނީ ލަފާކޮށްފައެވެ.
ރާއްޖެފަދަ ކުދި ޖަޒީރާތައް ޙިމާޔަތްކުރާ ފަރުތަކަށްވެސް ބޮޑު ނުރައްކަލެއް މިކަމުގެ ސަބަބުން އޮތްކަމަށް އައި.ޕީ.ސީ.ސީގެ ރިޕޯޓުގައިވަނީ ބަޔާންކޮށްފައިވެއެވެ. ފަރުތައް ހުދުވުމުގެ މައްސަލައަކީ މިހާރުވެސް ރާއްޖޭގެ ތިމާވެއްޓަށާއި އިޤްތިޞާދަށް އޮތް ބޮޑު ބިރަކަށް ވާއިރު ހޫނުމިން އެކެއް ޕޮއިންޓް ފަހެއް ޑިގްރީ ސެލްސިއަސްގައި ހިފަހައްޓާ ނުލެވިއްޖެނަމަ ފަރުތައް ހުދުވެ މަރުވާނެކަމަށް މިރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ގެއްލުން ތިރީސް އެއް މިލިއަނާއި ފަސްދޮޅަސް ނުވަ މިލިއަން މީހުންގެ އާބާދީއަކަށް ކުރިމަތިވާނެކަމަށް މިރިޕޯޓުގައި ލަފާކޮށްފައިވެއެވެ. މިކަމަށް އޮތް ޙައްލަކީ ކުރިއަށް އޮތް ބާރަވަރަކަށް އަހަރުތެރޭގައި ދުނިޔެ ހޫނުވުން ދެ ޑިގްރީ ސެލްސިއަސްއަށް އެރިޔަ ނުދީ އެކެއް ޕޮއިންޓް ފަހެއް ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުންކަމަށް އައި.ޕީސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ދުނިޔޭގެ ސާޅިސް ޤައުމަކުން ނުވަދިހައަށްވުރެ ގިނަ ސައިންޓިސްޓުންނާއި ލިޔުންތެރިން ހިމެނޭހެން ނެރުނު މިރިޕޯޓުގައި ބަޔާންކޮށްފައިވާ ސައިންޓިފިކް ހޯދުންތައް އަންނަ ޑިސެމްބަރު މަހު ޕޮލެންޑުގައި ބާއްވާ ކޮންފަރެންސްގައި ހުށައެޅުމަށްވަނީ ނިންމާފައެވެ. 2015 ވަނަ އަހަރު ކަނޑައެޅި ޕެރިސް އެގްރިމަންޓުގައި ޤައުމުތަކުންވަނީ ދުނިޔޭގެ ހޫނިމިން 2 ޑިގްރީއަށްވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައެވެ. އެހެން ނަމަވެސް މިހާރު ބެލެވިފައިވަނީ ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް އެކަށީގެންވާ ފިޔަވަޅުތައް ނާޅާނަމަ މިލަނޑުދަނޑި ޙާޞިލުނުވެ ދުނިޔެ ބޮޑެތި ނުރައްކަލަކާ ކުރިމަތިލާންޖެހިދާނެކަމަށެވެ.