ޚަބަރު

އިންތިޚާބާގުޅޭ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި


ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލާ، މާދަމާ އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަދުގެ ޝަރީޢަތުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ މާދަމާ 10:30ގައި އިންތިޚާބާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލާއިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުން ބުނީ މާދަމާ އޮންނަ އިންތިޚާބާއި ގުޅޭ މައްސަލާއިގެ އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުން، ހެނދުނު 08:30 އިން 09:45 އަށް ކުރިއަށްދާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ސުޕްރީމް ކޯޓަށް އިންތިޚާބާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން ދަޢުވާ ހުށަހެޅުމާއި އެ ދަޢުވާއަށް އިލެކްޝަންސް ކޮމިޝަނާއި މައްސަލައަށް ތަދައްޚުލްވެފައިވާ ސިޔާސީ ޕާޓީތަކުން މައްސަލައަށް ޖަވާބުދާރީވުމެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ހުށަހަޅާ ފަރާތުން ދަޢުވާ ހުށަހެޅުމުން، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މައްސަލައަށް ޖަވާބުދާރީވިއެވެ. އަދި އެއަށްފަހު 15 މިނެޓަށް ޝަރީޢަތް މެދު ކަނޑާލިއިރު ދެވަނަ ފަހަރަށް ޝަރީޢަތް ފެށުމާއެކު ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައަށް ތަދަޚުލްވެފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެއްވާފައެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމަށް ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުގެ އިސް ފަރާތްތަކުންވެސް ހާޒިރުވިއެވެ.