ޚަބަރު

އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ޞަރަޙައްދުން ބޮނބާއި، ފަނާއި، ކާށްޓާއި، ދަރު ހޮވުން މަނާކޮށްފި


އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ޞަރަޙައްދުން މިނިސްޓްރީގެ ހުއްދަނެތި ބޮނބާއި، ފަނާއި ކާށްޓާއި، ދަރު ހޮވުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މަނާކޮށްފިއެވެ.

މިނިސްޓްރީން މިކަން މަނާކޮށްފައިވަނީ މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހަދާފައިވާ "އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ޞަރަޙައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤަވާއިދު" ގެ ދަށުންނެވެ.

މިޤަވާއިދުގެ ދަށުން، މިއަދުން (14 އޮކްޓޯބަރ 2018) ފެށިގެން އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ޞަރަޙައްދުން ބޮނބާއި، ފަނާއި، ކާށްޓާއި، ދަރު ހޮވޭނީ މިނިސްޓްރީން ދޫކުރާ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ.

މިނިސްޓްރީން މިއަދު ވަނީ މިޤަވާއިދުގެ ދަށުން ޙިމާޔަތްކޮށްފައިވާ ޞަރަޙައްދުގައި މިކަންކަން ކުރުމަށް ޚާއްޞަ ހުއްދަ ހޯދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ނޭޗަރ ޕާކުން މިކަމަށް ރަޖިސްޓްރީ ކުރުމުގެ ހުރިހައި އިންތިޒާމެއް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.