ޚަބަރު

ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައަށް ތަދައްޚުލްވުމުގެ ފުރުޞަތު އިދިކޮޅު ކޯލިޝަނުގެ 4 ލީޑަރުންނަށް ދީފި


ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެތެރެއަށް ތަދައްޚުލް ވުމުގެ ފުރުޞަތު އިދިކޮޅު ކޯލިޝަނުގެ ހަތަރު ލީޑަރުންނަށް ސްޕްރީމް ކޯޓުން ދީފިއެވެ.

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ކުރީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމާއި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ފަރާތުން މި މައްސަލައަށް ތަދައްޚުލްވާން ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައާގުޅިގެން އިބްތިދާއީ އަޑުއެހުމެއް ބާއްވާފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ. އަދި މިއަދު މެންދުރުފަހު 1:00 ގައި މި މައްސަލައިގެ ޝަރީއަތް ފެށުމަށް ވަނީ ތާވަލްކޮށްފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބާގުޅޭ ދުސްތޫރީ މައްސަލައެއް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު ޕީޕީއެމުން ބުނެފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ފުލުހުންނަށް ހުށަހެޅުމަށްފަހު އެ މުއައްސަސާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމުން ބުނެފައިވަނީ ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓު ލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ޙީލަތް ހިމެނުމާއި، ޤާނޫނާ ޚިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ވޯޓްލާ ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތްކޮށް ރީ-ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާ ގުޅޭ އެކިއޮފިޝަލުންގެ ޢަމަލުތައް ޤަވާއިދާ ޚިލާފަށް ހުރުން ފަދަ ގިނަ ކަންކަން ހިމެނޭ ކަމަށެވެ.