ޚަބަރު

އައްޑޫސިޓީގެ މަގުތައް މަރާމާތަށް ބޭނުންވެފައި


އައްޑޫ ސިޓީގެ މަގުތަކަކީ ރާއްޖޭގެ ރަށްރަށުގެ މަގުތަކުގެ ތެރެއިން ޒަމާނީ ފެންވަރަށް ހަދާފައިވާ ފާހަގަކޮށްލެވޭ މަގުތަކެއް ހިމެނޭ ރަށެކެވެ. އެހެންނަމަވެސް މަގުތައް ބެހެލެއްޓުމާއި މަގުގައި މަރާމާތުގެ މަސައްކަތް އެންމެ އެކަށީގެންވާގޮތުގައި ނުކުރާތީ މަގުބޭނުންކުރާ މީހުންނަށް ދަތިތަކާ ކުރިމަތިވޭ.

އައްޑޫސިޓީގެ މަގުތަކަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ ފެންވަރު ރަނގަޅު މަގުތަކަކަށްވިޔަސް، އެމަގުތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވާތާ އެތައް ދުވަހެއްވެއްޖެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ މަގުތަކުގެ ތެރެއިން އެންމެ ރީތި އަދި އެންމެ ހިތްގައިމު މަގުތަކެވެ. އެހެންކަމުން ދުވާލާއި ރޭގަނޑު އެކި ބޭނުންތަކުގައި މަގުގައި ދުއްވާ އުޅަނދުފަހަރާއި، ހިނގާބިނގާވެ އުޅޭ މީހުން ގިނައެވެ. އޭގެތެރޭގައި ފިނިބުރުޖަހަން ދުއްވާލާ ޢާއްމުންނާއި، ސައިކަލް ދުއްވާ ޒުވާނުންވެސް ހިމެނެއެވެ.

މިމަގުތަކުގައި ދުއްވާލުމުގެ ހިތްހަމަޖެހުން ހޯދުމަށް ދާމީހުންނަށް ހިތާމަވެރި އެތައް ޙާދިސާއަކާވެސް ކުރިމަތިލާންޖެހިފައިވެއެވެ. މިކަމުގެ އެތައް ސަބަބެއްވެއެވެ. އޭގެތެރޭގައި މަގުތަކުގެ މަރާމާތުގެ މަސައްކަތް އެންމެފުރިހަމަގޮތުގައި ކުރިއަށް ނުގެންދިއުން މީ ސަބަބެއްކަމަށް ބައެއްމީހުން ބުނެއެވެ.
މަގުތަކުގެ ބައެއް ސަރަޙައްދުތަކުގެ ތާރުގަނޑު ހަލާކުވެ އަޑިގުޑަންވެފައިވާއިރު، އެނޫންވެސް މަރާމާތުކުރަންޖެހޭ ބައެއްކަންކަން ނުކޮށް ހުރުމުން ޢާއްމުގޮތެއްގައި މިމަގު ބޭނުންކުރާ މީހުންނަށްވެސް އުނދަގުލާ ކުރިމަތިލާންޖެހެއެވެ. ވާރޭވެހި މަގުގައި ފެންހެދިފައި އޮންނައިރުއާއި، ރޭގަނޑުގެ ވަގުތުތަކުގައި މަގުގެ ނުރައްކާތެރިކަން ވަކިންބޮޑެވެ.

މިކަމާގުޅިގެން އައްޑޫސިޓީގެ ޢާއްމުރައްޔިތުންގެ ޝަކުވާތައް ވަރަށް ގިނައެވެ. މިޝަކުވާތަކަށް ނިމުމެއް އަންނާނެ ދުވަހަކަށް އައްޑޫ ސިޓީގެ ރައްޔިތުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫސިޓީ ކައުނިސްސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ، ސިޓީ ކައުންސިލަށް ކޮންމެ ދުވަހަކުވެސް މިޝަކުވާތައް ލިބެމުންދާކަމަށާ، އައްޑޫ ޓެކްސީ ސެންޓަރ ތަކުގައި މަސައްކަތްކުރާ މީހުންވެސް ކޮންމެދުވަހަކު ހަމަ މިޝަކުވާ ކުރާކަމަށެވެ.

ސިޓީ ކައުންސިލްގެ އުންމީދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމުގެތެރެއިން މަގުތައް ހަދައި މަރާމާތުކޮށް ބެލެހެއްޓޭނެ އިޚްތިޞާޞް ސިޓީ ކައުންސިލަށް ލިބި އެކައުންސިލުގެ ބެލުމުގެދަށުން މިމައްސަލަތަކަށް ޙައްލު ގެނެސްދެވޭނެ ފުރުސަތު ފަހިވެގެން ދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަގުތަކުގެ މައްސަލާގައި ހައުސިންގ މިނިސްޓްރީގެ ކޯރޑިނޭޓަރ އަހުމަދު އަމަން އަލީ ވިދާޅުވީ އައްޑޫގެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އަބަދުވެސް ކުރިއަށް ގެންދާކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ ގޮތުގައި މިކަން ކުރެވޭ ކަަމަކަށް ޢާއްމު ރައްޔިތުން ޤަބޫލެއް ނުކުރެއެވެ.

އައްޑޫ ސިޓީ އަކީ ރާއްޖޭގެ ނިސްބަތުން އެންމެ އާބާދީބޮޑު އެއް ސަރަޙައްދެވެ. އަދި އެންމެ ހަލުވިކަމާއެކު ތަރައްޤީ ވަމުން އަންނަ އެއްސަރަޙައްދުވެސް މެއެވެ. އެހެންކަމުން މިސިޓީގެ މަގުތައް ބޭނުންކުރުމުގައި ދިމާވާ މިދަތިތަކަށް އަވަސް ޙައްލެއް ހޯދަންޖެހެއެވެ.