ޚަބަރު

ކުރިން އެއްބާރުލުން ނުދިން މުޢައްސަސާތަކުން އެއްބާރުލުން ދޭން ފަށައިފި


ސަރުކާރު ބަދަލުވަމުންދާ މަރްޙަލާއަށް ކުރިން އެއްބާރުލުން ނުލިބޭ ގިނަ މުޢައްސަސާތަކަކަކުން އެއްބާރުލުން ދޭން ފަށާފައިވާކަމަށް އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙްގެ ތަރްޖަމާނު، މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ އެޕާޓީގެ ޑިފެންސް އެންޑް ސެކިއުރިޓީ ޓީމުން އެކި މުޢައްސަސާތަކުގެ ހިންގުމުގެ ކަންކަން ބަލަމުންދާކަމަށެވެ. އަދި ވެރިކަން ބަދަލުކުރާއިރު މުޢައްސަސާތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުމެނަކަށް އެއްބާރުލުން ނުލިބޭ މުޢައްސަސާތަކުން މިހާރު ވަނީ އެއްބާރުލުން ދޭންފަށާފައި. އެގޮތުން ފެނަކައާއި ހައުސިންގ މިނިސްޓްރީފަދަ ތަންތަނުގެ އިސްވެރިންނާއި ބައްދަލުކުރުންފަދަ ކަންކަން މިހާރުވަނީ ޝެޑިއުލްކުރެވެމުން." މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭރުގެ ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުމަށްވެސް މިހާރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.