ސިއްހަތު

ދިވެހިރާއްޖޭގެ"ހެލްތް ރިސަރޗް އެވޯޑް" އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފި


މިނިސްޓްރީ އޮފް ހެލްތުން ދިވެހި ރާއްޖޭގެ 'ހެލްތް ރިސަރޗް އެވޯޑަށް' ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާއިން އެންމެ ފުރިހަމަ ދިރާސާއެއް ކޮށްފައިވާ ދިވެއްސަކަށް އެކަން ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ދޭ އެވޯޑެކެވެ. އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގައި ޞިއްހީ ދިރާސާ ކުރުމުގެ ޘަޤާފަތެއް ތަރައްޤީކޮށް، ރަނގަޅު ފެންވަރުގައި ދިރާސާކުރުމުގެ ރޫޙު ދިރުވައި އާލާ ކުރުމާ، ދިރާސާ ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސަތްކަތް ކުރިއެރުވުމަށް ހިތްވަރުދިނުމެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ޞިއްހީ ދާއިރާއަށް ބޭނުންތެރި އަދި މުހިންމު ދިރާސާތައް ކުރުވައި، ރަނގަޅު ނަތީޖާއެއް ނެރުމުގެ އިތުރުން ދިވެހިރާއްޖޭގެ ޞިއްޙީ ދިރާސާއާ ބެހޭ ސިޔާސަތަށް ހޭލުންތެރިކޮށް، ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުވުން ހިމެނޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ހެލްތު މިނިސްޓްރީންވަނީ ހުޅުވާލާފައެވެ. 'ހެލްތް ރިސަރޗް އެވޯޑް' ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.