ޚަބަރު

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާވަރުގެ ކަމެއް ފާހަގަކުރެވިފައެއް ނުވޭ- ހިއުމަންރައިޓްސް ކޮމިޝަން


ރިޔާސީ އިންތިޚާބުގައި ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް އެއްވެސް ފަރާތެއްގެ ވޯޓުލުމުގެ ޙައްޤަށް ބުރޫއަރައި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަކަމެއް ހިނގާފައިވާކަން ކަށަވަރުވެފައިނުވާކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން އޮބްޒަރވް ކުރުމަށްފަހު އެކޮމިޝަނުން ނެރުނު އޮބްސަވޭޝަން ރިޕޯޓުގައެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްގޮސްފައިވަނީ ޞުލްޙަވެރިކަމާއެކުގައި ކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަކަމެއް ހިނގާފައިވާކަން ކަށަވަރުވެފައިނުވިނަމަވެސް އިދާރީގޮތުން އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހުރިކަން ފާހަގަކުރެވޭކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެެއެވެ.

މީގެއިތުރުން ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮތް ދުވަހު، އެއްވެސް މައްސަލައެއް އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިނުވިނަމަވެސް އެ ކޮމިޝަނުގެ އޮބްޒާވަރުންނަށް ފާހަގަކުރެވުނު ބައެއް މައްސަލަތަކާއި، މީޑިއާ މޮނިޓަރކުރުމުގެ ތެރެއިން ފާހަގަކުރެވުނު ކަންކަން ކޮމިޝަނުން ބަލާފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އެގޮތުން ފާހަގަކުރެވުނު 10 މައްސަލައެއް އިލެކްޝަންސް ކޮމިޝަނާއި، ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙިއްސާކޮށް ހައްލުކުރުމަށް މަސައްކަތްކުރެވިފައިވާއިރު، މީގެ ތެރޭގައި ވޯޓުލުމުގެ ޙައްޤަށް އުނިކަން އަންނަފަދަ މައްސަލައެއް ފާހަގަކުރެވިފައިނުވާކަމަށްވެސް ހިއުމަންރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.