ޚަބަރު

އުރަމަތީގެ ކެންސަރާ ބެހޭގޮތުން ބޭއްވި ކޮންފަރެންސް ނިންމާލައިފި


އުރަމަތީގެ ކެންސަރާ ބެހޭގޮތުން ރާއްޖޭގައި ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސް ނިންމާލައިފިއެވެ. މިއީ އޭޝިއަން ސޮސައިޓީ އޮފް މަސްޓޮލޮޖީ (އަސޯމާ) އިން ކޮންމެ އަހަރަކު އެއްފަހަރު އޭޝިޔާގެ ޤައުމެއްގައި ބާއްވަމުންއަންނަ ކޮންފަރެންސެކެވެ.

މިމަހުގެ 3 އިން 5 އަށް ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި އުރަމަތީގެ ބަލިތަށް ޚާއްސަކޮށް އުރަމަތީގެ ކެންސަރަށް ދިމާވާ މައްސަލަތަކަށް އޭޝިޔާގެ ޤައުމުތަކުން ހައްލުހޯދުމަށް މަޝްވަރާކުރެވުނު ކަމަށް މި އިވެންޓް އިންތިޒާމްކުރި ފަރާތްތަކުން މަޢުލޫމާތުދިނެވެ. މި ކޮންފަރެންސްގެ ތެރެއިން އޭޝިޔާ ސަރަހައްދުގައި ކުރެވޭ ރިސާޗްތަކާއި، ތަފާސްހިސާބުތަށް އެއްބަޔަކު އަނެއްބަޔަކަށް ވަނީ ޙިއްސާކޮށްފައެވެ. މިއީ ވަރަށް ކާމިޔާބު ކޮންފަރެންސްއެއްކަމަށް އިވެންޓް އިންތިޒާމްކުރި ފަރާތުން ބުނެއެވެ.

އަސޯމާގެ 2 ވަނަ އަހަރީ ކޮންފަރެންސް ރާއްޖޭގައި ބާއްވާފައިވާއިރު، މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުން އުރަމަތީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ. މިކޮންފަރެންސްގައި 10 ޤައުމަކުން 70 މެންބަރުން ބައިވެރިވިއެވެ. މީގެ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ އަހަރު އިންޑިއާގެ ދިއްލީގައެވެ.

އޭޝިއަން ސޮސައިޓީ އޮފް މަސްތޮލޮޖީ (އަސޯމާ)އަކީ އުރަމަތީގެ ބަލިތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތް ކުރާ ސަރަހައްދީ ޖަމްޢިއްޔާއެކެވެ.