ޚަބަރު

ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ


ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، އުތުރުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މިއަދު ހެނދުނު 10:02 އާއި މިރޭ 10:02ގައި ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ މެންދުރު 11:32 އާއި މިރޭ 11:36 ހާއިރުކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މެންދުރު 12:08 ހާއިރު ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިކަމަށް ސަމާލުވެތިބުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަށް ހުރިހާ ފަރާތްތަކުންވެސް، އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެގޮތުން ވައިޖެހޭނީ ހުޅަނގާއި ހުޅަގުއުތުރުން، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާ އުތުރުގެ ހިސާބުތަކުގައި ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެބާރުމިނުގައި ވައި ޖެހޭނެކަމަށް ލާފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާ 50 މޭލުގެދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އެންމެ އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ލާފާކުރޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.