އައްޑޫ ސިޓީ ލިންކް ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ގައުކެޑި ސަރަހައްދުން ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު ހިނގި މިއެކްސިޑެންޓު ހިނގާފައިވަަނީ ގުޅިފައިވާ ފަޅުރަށްތަކުގެ ތެރެއިން ލިންކުރޯޑުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފުރޮޅާލައިގެން ކަމަށެވެ.
މި އެކްސިޑެންޓު ހިނގިއިރު އެކާރުގައި ދެމީހަކު ތިއްބިއެވެ. ނަމަވެސް އެއްވެސް މީހަކަށް މާބޮޑު ހާނީއްކައެއްވެފައި ނުވާކަމަށާ އެހެންނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިިޝަލް ވިދާޅުވިއެވެ.
އައްޑޫސިޓީ ލިންކް ރޯޑުގެ ގުޅިފައިވާ ފަޅުރަށްތަށް ހިމެނޭ ސަރަހައްދާއި ކުނިކޮށި ހިމެނޭ ސަރަހައްދަކީ ނުރައްކާތެރި ގިނަ އެކްސިޑެންޓުތައް ހިނގާފައިވާ ދެ ސަރަހައްދެވެ.