ޚަބަރު

މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަން- ރިޔާޒު


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނަގާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ ކޯލިޝަންގެ މަސައްކަތް މަޖިލިސް ތެރެއިން ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރައީސްގެ މަޤާމަކީ މުހިއްމު މަޤާމެއްކަމަށެވެ. އެހެންކަމުން މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ދެއްކެވި ވާހަކަފުޅުގައި އަދުލު އިންސާފް ޤާއިމުކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށާއި މަޖިލިސް ތެރެއިން ކުރަން ހުރި މަސައްކަތްތައް ކުރުމަށް މަސީޙު މަޤާމުން ދުރުކުރަންޖެހޭކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާނެކަމުގެ އިޝާރާތެއް އިދިކޮޅު ފަރާތްތަކުން ދީފައިވާއިރު، މީގެ ކުރިންވެސް އެފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީޙަށް ވައްދާފައެވެ. ނަމަވެސް މަޖިލީހުން ވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ.