ޚަބަރު

ކޮންގްރެސް ބަލައިނުގަތުމުގެ ޤާނޫނީ ބާރެއް ކޮމިޝަނަކަށް ނޯންނާނެ- ޕީޕީއެމް


ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމުގެ ޤާނޫނީ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ ކޮންގްރެސް ބަލައިގަތުމަށްފަހު، ކޮންގްރެސްގެ ނިންމުންތައް އެންޑޯޒް ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމެވުމެއްކަމަށެވެ. އަދި ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް ނިންމި ނިންމުމަކީ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި މުސްތަޤިލުކަމާމެދު ސުވާލު އުފެދޭކަމެއްކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި، ކޮންގްރެސްގެ ކަންކަން ކުރިއަށްދިޔައީ އިލެކްޝަންސް ކޮމިޝަނަށް އަންގައިގެން، އެކޮމިޝަނުގެ އޮބްޒާވަރުންގެ ހާޒިރުގައިކަން ފާހަގަކޮށްފައިވެއެވެ. އަދި ކޮންގްރެސްގައި ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ އޮބްޒާވަރުން ކަށަވަރުކޮށްދީފައިވާކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ. އެހެންކަމުން ކޮންގްރެސް ކުރިއަށްދިޔައިރު ފާހަގަނުކުރާ އިޖުރާޢީ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކޮންގްރެސް އެންޑޯޒް ކުރެވެން ނެތްކަމަށް ނިންމުމުގެ ބާރެއް އިލެކްޝަންސް ކޮމިޝަނަކަށް ނޯންނާނެކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، މިދިޔަ ހުކުރުދުވަހު ޕީޕީއެމުން ބޭއްވި ކޮންގްރެސް ބަލައި ނުގަތުމަށް ނިންމީ، ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ނުކޮށް ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވާތީކަމަށެވެ.