ޚަބަރު

ސަލާމަތީ ބާރުތަކުން ތިބީ އައު ސަރުކާރަށް އެއްބާރުލުންދޭން ތައްޔާރަށް- މާރިޔާ


ސިފައިންނާއި ފުލުހުން ތިބީ އައު ސަރުކާރަށް އެއްބާރުލުންދިނުމަށް ތައްޔާރަށްކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވީ، އިންތިޚާބީ ރައީސްގެ ފަރާތުން ސަލާމަތީ ބާރުތަކުގެ އިސްބޭފުޅުންނާއެކު ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއެކު ބައްދަލުވުންތަކުގައި އެފަރާތްތަކުން ތިބީ އާ ސަރުކާރަށް އެއްބާރުލުން ދިނުމަށް ފުރިހަމައަށް ތައްޔާރަށްކަން ހާމަކޮށްފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނަޑުމެންގެ އިންތިޤާލީ ޑިފެންސް ސެކިއުރިޓީ ކޮމިޓީއިންވެސް މިއަދު ވަނީ ޑިފެންސްއާ ބައްދަލުކުރައްވާފައި. އެފަރާތްތަކުންވެސް ޔަގީންކަން ދިން ބަދަލުތަކަށް އެއްބާރުުލުންދީ، ދިވެހި ރައްޔިތުންގެ އަމާންކަން ނެގެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާނެކަމަށް." މާރިޔާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ ވެރިކަން ބަދަލުވަމުންދާ މަރުޙަލާގައި އެއްވެސް ފަރާތަކުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ނުކުރުމަށްވެސް ގޮވާލާފައެވެ.