ޚަބަރު

ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ނުހިނގާ - ތަރުޖަމާނު


ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ޔާމީންގެ ވަކި ޚާއްސަ އެކައުންޓެއް ހަމަޖައްސަވައި އެ އެކައުންޓަށް ފައިސާ ޖަމާކުރަމުން ގެންދެވިކަމަށާ، އެކަމުގައި ޤާނޫނާ ޚިލާފު އެއްވެސްކަމެއް ހިމެނިފައި ނޯންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު އަލީ މިހެން ވިދާޅުވީ ނިމިދިޔަ ރިޔަސީ އިންތިޚާބަށް ވަގުތުކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އެކައުންޓަކަށް 1.5 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނެ "އަލްޖަޒީރާ" އިން ކޮށްފައިވާ ރިޕޯޓަކާ ޙަވާލާދީ ރާއްޖޭގެ މިޑިއާތަކުން ފަތުރަމުންދާ ޚަބަރަށް ރައްދުދެއްވަމުންނެވެ.

މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ޔާމީން ވަކިޚާއްސަ އެކައުންޓެއް ހަމަޖައްސަވާފައިވާކަމަށާ، އެއެކައުންޓަށް ޤަވައިދުން ފައިސާ ވެސް ޖަމާކުރައްވަމުން ގެންދެވި ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ޤާނޫނާ ޚިލާފު އެއްވެސްކަމެއް ހިނގާފައިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރައްޔިތުންނަށް ދެއްވާކަމަށްވެސް ތަރުޖަމާނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ އެކައުންޓަކަށް 1.5 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނެ "އަލްޖަޒީރާ" ގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިފައިސާއާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އެއެސިޓީއާ ހަވާލާދީ އެނޫހުގައި ބުނެފައިވަނީ ސެޕްޓެމްބަރ މަހުގެ 05 ވަނަ ދުވަހު ހަސަތޭކަ ސާޅީސް އަށްހާސް ފަސްސަތޭކަ އަށް އެމެރިކާ ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ. އަދި ސެޕްޓެމްބަރ 10 ވަނަ ދުވަހު އަށްޑިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް އެމެރިކާ ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. މިހުރިހާ ފައިސާއެއް ނަގުދުގެ ގޮތުގައި ފަހުން ނަގާފައިވާކަމަށްވެސް އަލްޖަޒީރާއިން ތުހުމަތުކޮށްފައިވެއެވެ.