ޚަބަރު

ރިޔާސީ އިންތިޚާބުގައި ދިވެހިން ދެއްކީ ޑިމޮކްރަސީގެ ނަމޫނާއެއް - ޑރ.އަލީ ނަސީރު


ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ދިވެހި ރައްޔިތުން ދައްކުވައިދިނީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއްކަމަށް ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އ.ދގެ 73 ވަނަ ޢާއްމު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. އަލީ ނަސީރު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޭއްވި ދުވަހަކީ ދިވެހިރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވުނު ދުވަހަކަށްކަމަށެވެ. އެގޮތުން 89 އިންސައްތަ މީހުން ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައިވުމާއި އިންތިޚާބުގެ ކަންތައްތައް އޮމާންކަމާއެކު ނިމިގެން ދިއުންވެގެން ދިޔައީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ދިވެހިރާއްޖެ ފަށާފައިވާ ދަތުރުގައި ދިވެހި ކޮންމެ ރައްޔިތަކު ފަޚުރުވެރިވާނެ ކަމެއް ކަމުގައި ޑރ. ޢަލީ ނަސީރު މުޙައްމަދު ވިދާޅުވިއެވެ.

އަލީ ނަސީރުގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބަށް ފަހު ދިވެހިރާއްޖެ އޮތީ ވެރިކަން ޙަވާލުކުރުމުގެ މަރުހަލާގައިކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ ޑިމޮކްރަސީއާއެކު އިޖްތިމާޢީ އަދި އިގްތިޞާދީ ގޮތުންވެސް ދިވެހިރާއްޖެ ދަނީ ކުރިއަށްކަން ސަފީރު ފާހަގަކުރެއްވިއެވެ.


ސަފީރުގެ ވާހަކަފުޅުގައި، ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި އިސްކަންދެއްވާފައި ވަނީ ޤައުމުގެ ޢުމްރާނީ ތަރައްޤީގެ ގޮތުން ރާއްޖެ ކުރިއަރުވައި، އިޤްތިސާދީގޮތުން ބޮޑު ކުރިއެރުމެއް ގެނައުމަށްކަމަށް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި، ކުރިމަގުގައިވެސް ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަށް މަދަދުދެއްވާ ފަރާތްތަކާ ގުޅިގެން ދިވެހި ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަށް ދިވެހިރާއްޖޭން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ސަފީރު ދެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ދުނިޔޭގެ މަސްރަޙުގައި ހިގަމުންދާ އެކި އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަައް ހޯދައިދިނުމަށާއި ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލައްވައި، ސީރިޔާގައި ހިނގަމުންދާ ހަނގުރާމައަށް ޞުލްޙަވެރި ނިމުމެއް ގެނައުމަށާއި، މިޔަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ގޮވާލެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި އދ ފަދަ ދުނިޔޭގައި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގައި ހުރިހާ ޤައުމެއްގެ އަޑު އެއްވަރަކަށް އިއްވުމަށް ފުރުޞަތު ދިނުމަކީ މުހިންމުކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ވަގުތުން ވަގުތަށް ހައްލު ހޯދުން މުހިންމު ގިނަ މައްސަލަތަކެއް ހުރިއިރު މިފަދަ މައްސަލަތަށް ހައްލުކުރުމުގައި އދގެ ހިއްސާ ވަރަށް ބޮޑުކަމަށާއި މި އަމާޒަށް ވާސިލުވެވޭނީ ޤައުމުގެ ކުދި ބޮޑުމިނަށް ބެލުމެއްނެތި ހުރިހާ ޤައުމެއްގެވެސް އެއްބާރުލުން ލިބިގެންކަން ސަފީރު ފާހަގަކުރެއްވިއެވެ.

އ.ދ.ގެ ހައި-ލެވެލް ސެގްމެންޓްގެ ހަވާސާގައި ބޭއްވުނު މިނިސްޓްރީއަލް ފެންވަރުގެ ބައެއް ބައްދަލުވުންތަކުގައިވެސް ރާއްޖޭން ވަނީ ބައިވެރިވެ ވާހަކަދައްކާފައެވެ.
މިގޮތުން ރާއްޖޭން ބައިވެރިވި ބައްދަލުވުންތަކުގެ ތެރޭގައި ވަކިފަރާތަކަށްނުޖެހޭ ހަރަކާތާއި އޯ.އައި.ސީ އާއި ސާރކްގެ ބައްދަލުވުންތައް ހިމެނެއެވެ. އަދި ދުނިޔެއިން ކެއްސުންބަލި ނައްތާލުމަށް އެޅިދާނެ ފިޔަވަޅުތަކާއި އެކަމުގައި މިހާތަނަށް ލިބިފައިވާ ކާމިޔާބީއަށް އަލިއަޅުވާލައި "އެލިމިނޭޓިންގ ޓީ.ބީ 2030" ގެ ނަމުގައި ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާއާއި އިންޑޮނީޝިޔާ އާއި ތައިލެންޑާ ގުޅިގެން ބޭއްވުނު ބައްދަލުވުމެއް ރާއްޖޭން ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ.