ވިޔަފާރި

ދިރާގުގެ 30 ވަނަ އަހަރީ ދުވަސް - ކަސްޓަމަރުންނަށް ގިނަ ހަދިޔާތަކެއް


ދިރާގުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނީގެ ކަސްޓަމަރުންނަށް ގިނަ ހަދިޔާތަކެއް ދޭނެ ދިރާގުން ބުނެފިއެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ގިނަ ހަދިޔާތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ދިރާގުގެ 30 ކަސްޓަމަރަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ 30 މަންޒިލެއްގެ ތެރެއިން މަންޒިލަކަށް ދަތުރުކުރުމުގެ ފުރުޞަތު ހިމެނެއެވެ.

މީގެ އިތުރުން ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އޮކްޓޯބަރުމަހުގެ ތެރޭގައި 30 އިންސައްތަ ޑޭޓާ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާއިރު، ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް 1 ޖީބީގެ ޑޭޓާ ހިލޭ ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވާހާ ގުޅިގެން ދިރާގުގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، އަޅާލާ އަދި އެޑްވާންސް ހިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށެވެ. އަދި 30 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނާއި ދިރާގުގެ ޕާޓްނަރުން ދިރާގަށް ކުރި އިތުބާރަށް ޝުކުރު އަދާކުރާކަމަށްވެސް ދިރާގުގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިރާގުގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުންނަ ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައި ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.