ޚަބަރު

މޫސުމަށް ސަމާލުވެ ރައްކާތެރި ވުމަށް ފުލުހުން އިލްތިމާސްކޮށްފި


ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވާތީ، ޢާންމުން އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކާ ހެދިފައިވާ ޤާނޫނު ތަކަށް ބޯލަނބައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހެ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމަށް އިލްތިމާސް ކުރާ ކަމަށެވެ. ވަކިން ޚާއްޞަކޮށް މުދާ އުފުލާ އުޅަނދުތައް ބަރު ކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ އިތުރަށް ބަރު ނުކުރުމަށާ ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ފަޅުތެރޭގެ އޮޔަށް ބަދަލު އައިސް ދިމާވާ ޙާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅައިފައި ހުންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައި ވުމާއެކު އެތަންތަނުގައި އުޅަނދު އެޅުމުގައި ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މަގުހިނގާ ފަރާތްތަކާ އުޅަނދު ދުއްވާ ފަރާތްތަކުން ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ޚާއްސަކޮށް އުޅަނދުފަހަރުގައި އުޅޭ ފަރާތްތަކުން މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކާ ވާރޭ ވެހޭ ވަގުތު ތަކުގައި ބާރު ސްޕީޑްގައި ދުއްވުމަކީ ނުރައްކާތެރިކަމަކަށް ވާތީ، އެކަންކަމަށް ސަމާލު ވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން މި ދުވަސްކޮޅު ސިނަމާލެ ބްރިޖާއި ރިންގް ރޯޑްގައި ދުއްވާ ފަރާތްތަކުން ވިއްސާރަ ކުޑަ ފަދަ ތަކެތި ބޭނުން ކުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން، މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރު ކުރާނަމަ އެކަމުގެ ފުރިހަމަ މައުލޫމާތު އެމް.އެން.ޑީ.އެފް ގެ ކޯސްޓްގާޑަށާ ފުލުހުންނަށް ޙިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.