ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ދަށުން ސަރުކާރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޢައްޔަންކުރަންޖެހޭ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ކަމުގެ މަޤާމަށް ހ. ސީވީޑް އަޙްމަދު ލަޠީފް ޢައްޔަންކުރައްވައިފިއެވެ.
އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ފަރާތުން އަޙްމަދު ލަޠީފުގެ ނަން ސިވިލް ސަރވިސް ކޮމިޝަނަށް އިއްޔެ ހުށައެޅުމާއެކު އެކޮމިޝަނުން މިއަދު ވަނީ ޑިރެކްޓަރ ޖެނަރަލްއޮފް ޓްރާންސިޝަންގެ މަޤާމަށް އަޙްމަދު ސަލީމް ޢައްޔަންކޮށް އެކަމުގެ ލިޔުން ޙަވާލުކޮށްފައެވެ.
ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތް ފައިސަލް ނަސީމް އެދިއްޖެނަމަ ސަރުކާރު ބަދަލުކުރުމަށް ބޭނުންވާނެ ޚަރަދުތަކާއި، ޚިދުމަތްތައް ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި، އެއޮފީހަށް ބޭނުންވާ މުއްވައްޒަފުންނާއި، ބޭނުންވާ އެންމެހައި ތަކެތި ހިމެނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ފަންނީ މާހިރުންނާއި، އެފަރާތްތަކުގެ މުސާރައިގެ އިތުރުން، މުވާޞަލާތާއި، ލިޔެކިއުމަށް ބޭނުންވާ ޚަރަދުތައްވެސް ހަމަޖައްސައިދިނުން ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށްދޭ ސަލާމަތާއި ރައްކާތެރިކަމާއި އެއްވަރެއްގެ ސަލާމަތާއި ރައްކާތެރިކަން ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ހަމަޖައްސައިދޭންޖެހެއެވެ.
ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ދަށުން ވެރިކަން ބަދަލުވުމުގެ މަރުޙަލާއަށް ހޭދަކުރެވޭނީ ގިނަވެގެން އެއް މިލިޔަން ރުފިޔާ އެވެ. އަދި އިންތިޚާބު ކާމިޔާބުކުރެއްވި ފަރާތުން އިންތިޚާބުގެ ކުރިން ނުވަތަ މަޤާމާއި ޙަވާލުވުމަށްފަހު ކުރާ އެއްވެސް ޚަރަދަކަށް މިޤާނޫނުގެ ދަށުން ފައިސާ ހޭދަކޮށްގެންނުވާނެކަމަށް ޤާނޫނުގައި ބާޔާންކޮށްފައިވެއެވެ.
ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ދަށުން ސަރުކާރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން ޢައްޔަންކުރައްވާފައިވާއިރު، ވެރިކަން ބަދަލުކުރުމުގެ މަރުޙަލާތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ. މި މަރުޙަލާ ވިލަރެސްކުރުމުގައި އެމްޑީޕީގެ ފަރާތުން އިސްކޮށް ހުންނަވަނީ ރައްިޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުކަމަށް އިންތިޚާބީ ރައިސްގެ ފަރާތުންވަނީ ހާމަކުރައްވާފައެވެ.
ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވީހާވެސް އޮމާންކަމާ ފުރިހަމަކަމާއެކު ކުރިޔަށް ގެންދިއުމުގައި ސިވިލް ސަރވިސްގެ އިދާރާތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ޕަރމަނަންޓް ސެކްރެޓްރީންނާއި ބައްދަލުކޮށް، ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން މި މަރުޙަލާގެ ކަންކަން ކުރިޔަށްގެންދިއުމަށް ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.