ޚަބަރު

މެޑިކަލް ކޮލެޖުގެ ކިޔެވުން އަންނަ މަހު ފަށަނީ


ޖުމުލަ 42 ދަރިވަރުންނާއިއެކު ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖުގެ ކިޔެވުން އޮކްޓޯބަރުމަހު ފަށާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އެމްއެންޔޫއިން ބުނެފިއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރ ޢާއިޝަތު ޝާހީން ވިދާޅުވީ އެކޮލެޖުގެކުދިންގެ ކިޔެވުން ފުރަތަމަ ކުރިއަށް ގެންދާނީ ޤައުމީ ޔުނިވަރސިޓީގެ ޢިމާރާތުގައި، އެކަމަށް ޚާއްސަކޮށްފައިވާ ކްލާސްރޫމަތަކުގައި ކަމަށެވެ.

މިސެޕްޓެމްބަރުމަހު މެޑިކަލް ކޮލެޖުގެ ކިޔެވުން ފެށުމަށް މަސައްކަތްކުރި ނަމަވެސް، ނުފެށި ލަސްވީ ކޯސްފެށުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ނުނިމޭތީކަމަށް ޝާހީން ވިދާޅުވިއެވެ. އެގޮތުން ކޯސްފެށުމުގެ ކުރިން ދަރިވަރުންގެ މެޑިކަލް ޓެސްޓް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އޭނާ ވިދަޅުވިއެވެ. 42 ދަރިވަރަކަށް ކޯސް ލިބުނުކަން އަންގާފައިވާއިރު، މިހާތަނަށް 37ދަރިވަރުން މެޑިކަލް ޓެސްޓް ހުށައަޅައި، އެ ދަރިވަރުންނަށް ކޯސް ލިބުނުކަމުގެ ރަސްމީލިޔުން ހަވާލުކޮށްފައިވާކަމަށް އެމްއެމްޔޫއިންވަނީ ބުނެފައެވެ.

މެޑިކަލް ކޮލެޖުގެ ކިޔެވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ޔުނިވަރސިޓީއަކާ ގުޅިގެންނެވެ. އެގޮތުން އެޔުނިވަރސިޓީއާ ގުޅިގެން ކޯހުގެ ކަރިކިއުލަމް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް ޝާހިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޢަމަލީ ފިލާވަޅުތައް ކުރިއަށްގެންދާނި އައިޖީއެމްއެޗްގައި ކަމަށެވެ.

މެޑިކަލް ކޮލެޖު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެކަމަށް ޚާއްސަކޮށްގެން ހަދާ ދެ ފަންގިފިލާގައެވެ. މިދެފަންގިފިލާގައި ކިޔަވައިދިނުމަށް ތައްޔާރުވަމުންދާއިރު، އެކަމަށް ބޭނުންވާ ލެބޯޓްރީތަކާއި، އެކިއެކި މެޝިނަރީތައް ބެހެއްޓުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ނިމޭނެކަމަށް، ހެލްތުމިނިސްޓަރވަނީ މީގެކުރިން ބުނެފައެވެ. މެޑިސިން ކިޔަވާ ފުރަތަމަ ބެޗުގެ ދަތިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.