ޚަބަރު

އިދިކޮޅުގައި ގިނިކަންޏާ މަސައްކަތްކުރަންވެސް ތައްޔާރު- ރައީސް


އިދިކޮޅުގައި އެކަނި ހުރެގެންވެސް މަސައްކަތްކުރަން ތައްޔާރަށް ހުންނެވިކަމަށް ޕީޕީއެމްގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ގޮތުން ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ޕާޓިއެއްގެ ގޮތުގައި ޕީޕީއެމް މަސައްކަތްކުރަން ތައްޔާރުވެފައިވާއިރު ދަތި އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި އެމަސައްކަތުގައި ބައިވެރިވާނެ މީހަކު ނެތްކަމުގައިވާނަމަ އެމަނިކުފާނު އެކަނިވެސް އެމަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އިންތިޚާބެއް ކާމިޔާބު ނުވުމަކީ އޮޑިން ފުންމާލައިގެން ފަޅުވެރިން އޮޑިދޫކޮށްލާފައި ދާންޖެހޭ ސަބަބެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި ފަސް އަހަރު ޕީޕީއެމުން ހޭދަކުރީ ހިތްދަތި ފަސް އަހަރުކަން ފާހަގަކުރައްވާ ރައީސް ޔަމީން ވިދާޅުވީ، ޕާޓީގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރި ފަރާތްތައް ޕާޓީ ދޫކޮށްލުމަކީ ހައްލެއް ނޫންކަމަށެވެ. އަދި އެކަމުގެ ސަބަބުން ފޫނުބެދޭ ގެއްލުންތަކެއް ޕާޓީއަށް ކުރިމަތިވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުގެ ފަހުން ޕީޕީއެމުން މަސައްކަތްކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށާއި، ޕީޕީއެމް އުފެއްދީވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއަދު މިފަށަނީ އަނެއްކާވެސް ވަރުގަދަ ދަތުރެކޭ. ވަރުގަދަ ދަތުރެއް ފަށައިގެން ކުރިއަށްދާއިރު ގަދަ ކަނޑެއްގައި ދަތުރުކުރަންޖެހޭނެކަމަށް އަޅުގަނޑު އިންތިޒާރުކުރަން. އެކަމަކު ރައްޔިތުންގެ ހައްގުގައި، ދީނުގެ ހައްގުގައި، ޤައުމުގެ ހައްގުގައި މިދަތުރުކުރަން އަޅުގަނޑާއެކީ އަރާނެ ފަޅުވެރިން ނެތްކަމުގައިވަންޔާ މިދަތުރު އަޅުގަނޑު އެކަނިވެސް ކުރަން އަޅުގަނޑު މިހުރީ ކަމަރު ބަނދެގެން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޕީޕީއެމް އުފެއްދި މީހުން އަދިވެސް އެޕާޓީއެގައި އެބަތިބިކަމަށާއި، ޕާޓީން ވަކިވެގެންދިޔައީ ޕާޓީގެ އަމަލީ ކަންކަމުގައި ހަރަކާތްތެރި ބައެއް ނޫންކަމަށް ވިދާޅުވިއެވެ. ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ބޭއްވި އިރު އެޕާޓީގައި ތިބީ ހަތަރު ހާސް މީހުންކަމަށާއި މިހާރު އެޕާޓީގައި ހަތްދިހަ ހާހަށްވުރެ ގިނަ މީހުން ތިބިކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާހަގަކުރެއްވިއެވެ.