ޚަބަރު

އިންތިޚާބީ ރައީސަށް މަރުޙަބާ ކިޔައި، ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަށް ދީފި


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާކިޔައި، ވެރިކަން ބަދަލުކުރުމުގެ މަރުޙަލާގައި ފުރިހަމަ އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ސަލާމަތީބާރުތަކުންދީފިއެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމާގުޅިގެން ސަލާމަތީ ބާރުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 23 ސެޕްޓެމްބަރގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުމަށް ސަލާމަތީ ބާރުތަކުން އިޙްތިރާމްކުރާކަމަށާއި، އެނިންމުން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނެކަމަށް ފުލުހުންނާއި ސިފައިން ވަނީ ހާމަކޮށްފައެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރަނިންގމޭޓް ފައިސަލް ނަސީމަށް ސަލާމަތީ ބާރުތަކުން ވަނީ މަރުޙަބާ ކިޔާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕަރިންޓެންޑެންޓް އޮފް ފޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ވެރިކަން ބަދަލުކުރުމުގެ މަރުޙަލާގައި ދިމާވާ ކަންކަން ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ދިވެހިރައްޔިތުންނަށް އިލްތިމާސް ކުރައްވާކަމަށެވެ.

"މި ހިންގާ ކަންތައްތަކުގެ ތެރޭގައިވެސް، ހުރިހާ ކަމަކީވެސް ވަރަށް އަމާން އޮމާން ހަމަޖެހޭ މަގަކުން ކުރިއަށްގެންދިއުމަށްޓަކައި ދެއްވަންޖެހޭ އެއްބާރުލުން ރައްޔިތުން އިސްވެ ދެއްވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން. ދިވެހި ފުލުހުން، ދިވެހި ޤައުމާ ދިވެހިރައްޔިތުންނަށް ސާބިތުކަންމަތީ ޚިދުމަތް ކޮށްދިނުމުގައި އަބަދުވެސް ތިބޭނަން." ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ސިފައިންގެ ބަޔާން އިއްވަވަމުން ދިވެހި އަސްކަރިއްޔާގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުން ދެއްކި ސުލްހަވެރިކަމާއި އަމާންކަމުގެ ނަމޫނާއަށް ދިވެހި ސިފައިން ޝުކުރުއާދާކުރާކަމަށެވެ.

"އަދި ކުރިއަށްއޮތް ދުވަސްތަކުގައިވެސް ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ދިވެހި ލޮބުވެތި ރައްޔިތުން އެހީތެރިކަމާ އެއްބާރުލުން ދެއްވުންއެދި ދަންނަވަން. ދިވެހި ސިފައިން އަބަދުވެސްތިބޭނީ ޤައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައިކަން މިފުރުޞަތުގައިވެސް ދަންނަވަން." ކެޕްޓަން އިބްރާހީމް އާޒިމް ވިދުވިއެވެ.

މި ނޫސްވެރިންގެ ބައްދަވުމުގައި ސަލާމަތީބާރުތަކުން ވަނީ އަމަން އަމާންކަމަށް ބާރުއަޅައި، އެއްބައިވަންތަވުމަށް އިލްތިމާސްކޮށްފައެވެ.