ޚަބަރު

އަޅުގަނޑުވާނީ ހުރިހާ ރައްޔިތުންގެ ރައީސަށް - އިންތިޚާބީ ރައީސް


އެމަނިކުފާނު ވެވަޑައިގަންނަވާނީ ހުރިހާ ދިވެހިރައްޔިތުންގެ ރައީސަށްކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވިކަން ރަސްމީކޮށް އިޢުލާންކުރެއްވުމާގުޅިގެން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުން ދައްކުވައިދިން ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުން މި އިންތިޚާބުގައި ދެއްކި ހިތްވަރާއި ޖޯޝުން ދިވެހިރާއްޖޭގެ މުސްތަޤްބަލް ހެޔޮގޮތުގައި ބިނާކުރުމުގެ ފުރުޞަތު ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީއަކީ ދިވެހިރައްޔިތުންނަށް ލިބުނު ނަޞްރެއްގެގޮތުގައި ސިފަކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ ދިވެހިރައްޔިތުންނާ ގުޅިގެން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަން އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ ރަސްމީކޮށް އިޢުލާންކުރައްވައި، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރައްވާފައެވެ.