ޚަބަރު

ބާސްކިން ރޮބިންސްގެ އުފެއްދުންތަކަށް ޚާއްސަ އައުޓްލެޓެއް މާލޭގައި ހުޅުވައިފި


ބާސްކިން ރޮބިންސްއަށް ޚާއްސަ އައުޓްލެޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވައިފިއެވެ.
"އަރާޒޯގެ" ނަމުގައި ހުޅުވި މި އައުޓްލެޓް ހުންނާނީ ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ކުރިމަތީގައެވެ.

100 މީހުންގެ ޖާގައިގެ މި އައުޓްލެޓު ހަދާފައިވަނީ ތިން ފަންގިފިލާއަށެވެ. ބްރައިޓް ބްރަދާސްގެ ފަރާތުން ހުޅުވި މި އައުޓްލެޓާގުޅޭ މަޢުލޫމާތު ދެއްވަމުން އަގޯރާގެ އެސިސްޓެންޓް މެނޭޖަރ އަޒްލީނާ އިބްރާހީމް ވިދާޅުވީ މީގެ ކުރިން ރާއްޖެއިން ބާސްކިން ރޮބިންސްގެ އައިސްކްރީމް ލިބެމުންދިޔައީ ކުޑަ ކިއޮސްކްއަކުން ކަމަށެވެ.

ނަމަވެސް ބާސްކިންގ ރޮބިންސްއަށް ޚާއްސަކޮށްގެން މި ހުޅުވި އައުޓްލެޓާއިއެކު ރާއްޖޭގައި ތިބެގެން މި ބްރޭންޑްގެ އައިސްކްރީމާއި އިތުރު އުފެންދުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް އަޒްލީނާ ވިދާޅުވިއެވެ. މި އައުޓްލެޓުން ބާސްކިން ރޮބިންގެ 31 ފްލޭވަރގެ އައިސްކްރީމާއި، ޕޭސްޓްރީގެ ބާވަތްތަކާއި، އަދި ތަފާތު ކެއިންތަކާއި، ބުއިންތައް ލިބޭނެކަމަށް އަޒްލީނާ ވިދާޅުވިއެވެ.

މިއައުޓްލެޓް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަގަޑި ތިރީހުން ރޭގަނޑު އެގާރަގަޑި ތިރީހަށް، އަދި ހުކުރު ދުވަހު ހަވީރު ހަތަރަކުން ރޭގަނޑު އެގާރަގަޑި ތިރީހަށެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ ބާސްކިން ރޮބިންސްގެ އައުޓްލެޓްތައް މިހާރުވެސް ފަންސާހަށްވުރެ ގިނަ ޤައުމުގައި ގެންދަނީ ހިންގަމުންނެވެ.