ޚަބަރު

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާފާނެ - ސަމާލުވޭ


ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާފާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، އުތުރުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 13:19ގައިކަމަށެވެ.

އަދި މެދުރާއްޖެތެރޭގެ ރަށްތަކަށް މެންދުރު 14:27 ގައި ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މެންދުރުފަހު 15:17 ގައި ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

މި ގަޑިތަކުގައި އުދައަރާފާނެކަމަށް ލަފާކުރެވޭއިރު، ރަށްރަށުގައި މޫދާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ.

ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، މޫސުމާބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

އެގޮތުން ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި، އަދި އުތުރުގެ ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެއިތުރުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.