ޚަބަރު

ފަތުރުވެރިކަން ކުރިއަރާނީ ޞުލްޙަމަސަލަސްކަން ޤާއިމުކޮށްގެން - ރައީސް


ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނީ ރާއްޖޭގެ ޞުލްޙަމަސަލަސްކަން ޤާއިމުކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި، ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި މި ސަރުކާރުން މިވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ވޭތުވެދިޔަ 5 އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 އައު ރިޒޯޓް، 7 ހޮޓެލް، އަދި 495 ގެސްޓްހައުސް ހުޅުވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 4 ޑޮމެސްޓިކް އެއަރޕޯޓް ހުޅުވިފައިވާ ކަމާއި، އަދި 6 ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރެވެމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިކަންކަމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމުގައި ވިދާޅުވެ މިކަމާ އުފާފާޅުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ މި ޤައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަން ފާހަގަކުރައްވަމުން ރާއްޖޭގެ ފަތުރުވެރިކަން އަތޮޅުތަކަށް ފުޅާވެ، ވަޒީފާތައް އިތުރުވަމުން ދިޔުމަކީ، ރަށްރަށުގެ ތަނަވަސްކަމަށާއި، ޢާއިލާތަކުގެ ތަނަވަސްކަމަށް، އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމާއި ފަތުރުވެރިކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރުމަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ އިތުރު ބާރެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޓޫރިޒަމް އެންޑް ދަ ޑިޖިޓަލް ޓްރާންސްފޮމޭޝަން" އެވެ.