ޚަބަރު

ރަސްމީ ނަތީޖާ އަވަސްކުރުމަށް ގޮވާލައި، އިންތިޚާބީ ރައީސަށް އައިޕީޔޫން މަރުޙަބާ ކިޔައިފި


އިންތިޚާބުގެ ރަސްމީ ނަތީޖާ ވީ އެންމެ އަވަހަކަށް އިޢުލާންކުރުމަށް ގޮވާލައި، ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންޓަރ ޕާލިމެންޓްރީ ޔޫނިއަނުން މަރުޙަބާ ކިޔައިފިއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ދެންނެވުމުގެގޮތުން އިންޓަރ ޕާލިމެންޓްރީ ޔޫނިއަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙް އެޖަމިއްޔާއިން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އަމާންކަމާއެކު ނިންމާލާފައިވާތީ ތައުރީފުކުރާކަމަށާއި، ވެރިކަން ބަދަލުކުރުމުގެ މަރުޙަލާ ސުލްޙަވެރިކަމާއެކު ކުރިއަށްގެންދިއުމަށް އެއްބާރުލުންދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ މަރުޙަބާ ކިޔާކަމަށް އެޖަމިއްޔާގެ ރައީސް ވިދާޅުވެފައިވެއެވެ.

އަދި ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް އިންތިޚާބުގެ ދާއިމީ ނަތީޖާ އަވަހަށް އިޢުލާންކުރުމަށް އައިޕީޔޫގެ ބަޔާނުގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް މިބަޔާނުގައި އިންޓަރ ޕާލިމެންޓްރީ ޔޫނިއަނުން ވަނީ ބުނެފައެވެ.

އިންޓަރ ޕާލިމެންޓްރީ ޔޫނިއަން، އައިޕީޔޫއަކީ ދުނިޔޭގެ 178 ޤައުމެއްގެ ޤާނޫނުހަދާ މަޖިލިސް ބައިވެރިވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. އައިޕީޔޫއިން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާކިޔާފައިވާއިރު، ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކާއި ޤައުމުތަކުން ގެންދަނީ އިންތިޚާބީ ރައީސަށް މަރުޙަބާ ދަންނަވައި، ގުޅިގެން މަސައްކަތްކުރަން ތައްޔާރަށްއޮތްކަން ހާމަކުރަމުންނެވެ.